މަނަފަރު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މަނަފަރު ރިސޯޓްގެ އިންޖީނު ގޭގައި އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 3:35 ހާއިރު ކަމަށެވެ. އަދި އެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވި ކަމަށް ބުންޏެވެ.

އެގޮތުން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ ރޭ ފަތިހު 5:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި އިންޖީނުގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އޭގެ ފުރިހަމަ ތަފްސީލު އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި އަލިފާން ރޯވީ އިންޖީނު ގޭގައި ސާމާނު ލާން، އުސްކޮށް ހަދާފައި ހުރި ގުދަނެއްގައި ކަމަށެވެ. އަދި އަލިފާނުގައި ގެއްލުންވެފައިވަނީ ޖަނަރޭޓަރާއި ޕެނަލް ބޯޑު ހުރި އިމާރާތާ ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ހޯދިފައިނުވާއިރު، މި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުން އެ ރިސޯޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.