ސީޒަން ހުޅުވުމަށް ކްލަބު އީގަލްސްއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެވިފައި އޮތް ނަމަވެސް، ޓީމާއި ކުޅުންތެރިން ތިބީ ހަމަ ބިމުގައި ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

އިއްޔެ އެފްއޭއެމްގައި ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޯޗު މޯހަން ބުނެފައި ވަނީ ޓީމު "އޯވާ ކޮންފިޑެންސް" ނުވާނެ ކަމަށާއި، ވަރުގަދަ މާޒިޔާ ބަލިކުރެވުނު ނަމަވެސް އަބަދުވެސް އެހެން ޓީމުތަކުގެ ފެންވަރަށް އިހުތިރާމް ކުރާނެ ކަމަށެވެ.

"ޓީމު އޯވާ ކޮންފިޑެންސް ވެގެން ނުދާނެ. ހުރިހާ ކުޅުންތެރިންގެ ފައިތައްވެސް ހުރީ ހަމަ ބިމުގައި. ފެންވަރާއި ހާލަތާ ހުރިހާ އެއްޗެއްވެސް އެނގޭ. މާޒިޔާގެ ފެންވަރުވެސް ދަނެގެން ނުކުތީ. އިދިކޮޅަށް އޮތް ޓީމަކީ ފެންވަރު ދަށް ޓީމެއްގެ ގޮތުގައި ދެކިގެން އީގަލްސްއެއް ނުނިކުންނާނެ. އިދިކޮޅަށް ކުޅޭ ޓީމުގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ދަނެގެން، އެކަންކަމަށް ބަލައިގެން ނުކުންނާނީ. ވަރަށް ރަނގަޅު ރޫހެއްގައި ތިބީ. އެކަމަކު ހަމަބިމުގައޭ ދަންނަވަން ޖެހޭނީ،" މޯހަން ބުނެފައި ވެއެވެ.

މިރޭ އޮންނަ ލީގު މެޗުގައި އީގަލްސްއިން ސުޕަ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު، މޯހަން ބުނެފައި ވަނީ އެންމެ މުހިއްމީ ނަތީޖާ ކަމަށާއި، ރީތި ފުޓުބޯޅައަކަށް ފޯކަސްކޮށް، ނަތީޖާ ނެރުމަށް ވިސްނާނެ ކަމަށެވެ.

"ސީޒަން ހުޅުވި މެޗުގައި ދެއްކުނު ކުޅުމަށް ބަލާފައި، ގަބޫލުކުރެވޭ ފުރަތަމައަށް އޮތް މެޗުގައި ތަފާތު ކުޅުމެއް ދައްކަން ޖެހޭ ކަމަށް. މަސައްކަތް ކުރާނަން އުންމީދުތައް ދަމަހައްޓަން. އުންމީދު ކުރިވަރަށްވުރެވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައީ. އެހެންވީމަ އެބަޖެހޭ އެ ކުޅުން ދަމަހައްޓަން. ޗެލެންޖު ބޮޑު. އެކަމަކު ނަތީޖާއަށް ފޯކަސްކޮށް، ނަތީޖާއާއެކު ވީހާވެސް ރީތި ފުޓުބޯޅައަކަށް ނުކުންނާނީ،" މޯހަން ބުނެފައިވެއެވެ.

މޯހަންގެ ތައުރީފް ނާއިމްއާއި ހައިޝަމްއަށް: އެ ދެކުޅުންތެރިންގެ މަސައްކަތަކީ ޒުވާން ކުޅުންތެރިން ބަލައިގަންނަން ޖެހޭ މިސާލެއް

މި ސީޒަނަށް ކުރިމަތިލާއިރު، މޯހަންއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު، ގައުމީ ޓީމުގެ ދެކުޅުންތެރިން ކަމަށްވާ މުހައްމަދު ނާއިމް އާއި ހައިޝަމް ހަސަން އެނބުރި ދަނޑު މައްޗަށް ނުކުތުމެވެ. މޯހަން ވަނީ އެ ދެކުޅުންތެރިން "ޕެޝަން"އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

" އޭގައި ފާހަގަކޮށްލަން ޖެހޭނީ ކުޅުންތެރިންގެ މަސައްކަތް ހަމަ. އެ ކަންކަމުގައި ހަގީގަތަށް ބުނާނަމަ ކްލަބުގެ ފަރާތުން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުމެއް ނުއެއް ދެވޭނޭ. ހާއްސަކޮށް މި ލޮކްޑައުންގެ ތެރޭގައި ރަށްރަށުގައި ތިބި ކުޅުންތެރިން، ރަށުގައި ތިބެގެން އެންމެ ފުރިހަމަ ޖިމް ސާމާނާއި އިންސްޓްރަކްޓަރުންވެސް ނެތި، ރީހެބް ކުރުމަށް އަމިއްލަ މަސައްކަތް ކުރީ. ފުރަތަމަ ޕްރެކްޓިސްއަށްވެސް އައިއިރު ފެނުނީ އެހެން ކުޅުންތެރިންނަށްވުރެ ފިޓްކޮށް، އެއީ ވަރަށް އުފާވި ކަމެއް. ވަރަށް ބޮޑު ބޮލުގައި ރިހުމަކަށް ވެފައި އޮތް ކަމެއް، އެ ދެކުޅުންތެރިންގެ ކަންޑިޝަން ހުރެދާނެ ގޮތަކީ. އެހެން ނަމަވެސް ފުރަތަމަ ދުވަހު ފެނިފައި ވަރަށް ހިތްހަމަ ޖެހިގެން ދިޔަ. އެހެން ކުޅުންތެރިންނަށްވުރެވެސް ފިޓްނަސް ރަނގަޅުވެފައި ހުރީމަ އޭގެން އެނގިގެން ދިޔަ އެ ކުޅުންތެރިން އެކަނި ކޮށްފައިވާ މަސައްކަތާ، ބޯޅަ ކުޅުމަށް ކުރާ މަސައްކަތް. އެކަހަލަ ކުޅުންތެރިން ބޭނުންވަނީ. ރިކަވަރީއަށް މަސައްކަތް ކުރުމާއި، ކަންކަމުގައި ނަމޫނާ ދެ ކުޅުންތެރިން އެއީ،" މޯހަން ބުނެފައިވެއެވެ.

އީގަލްސްއިން ސުޕަ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު އޮންނަނީ މިރޭ 9:00 ގައެވެ.