ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެ ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ސްކޮޑުގެ ވަރުގަދަ ކަމަށްބަލާއިރު، މާޒިޔާއަކީ މި ސަރަހައްދުގައިވެސް އޮތް އެންމެ ވަރުގަދަ އެއް ޓީމޭ ބުނެވިދާނެއެވެ. މިދިޔަ ސީޒަންގެ އޭއެފްސީ ކަޕްގައިވެސް މާޒިޔާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިފައިވާއިރު، މި ސީޒަނަށްވެސް އެންމެ ކުރިން ތައްޔާރުވެ، މާޒިޔާއިން ވަނީ ފުރިހަމަ ޕްރީ ސީޒަނެއް ހަދައިފައެވެ.
އުންމީދާއެކު މާޒިޔާއިން ސީޒަނަށް ނުކުތްއިރު، ޗެރިޓީ ޝީލްޑް މެޗުގައި ކްލަބު އީގަލްސް އަތުން ވި ބައްޔަކީ ގަބޫލުކުރަން އުނދަގޫވެސް ބައްޔެކެވެ. ހާއްސަކޮށް އީގަލްސްގެ ބޭރު އެއްވެސް ކުޅުންތެރިޔަކު ނުލައި ކުޅުނު މެޗުގައި މާޒިޔާއިން ދެ ގޯލް ޖަހާފައި ވަނިކޮށް، އީގަލްސްއިން ފަހަތުން އަރައި ތިން ގޯލް ޖަހައިގެން މާޒިޔާ ބަލިކުރުން ވެގެން ދިޔައީ ތަފާތު ނަތީޖާއަކަށެވެ. މިއަދު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް މާޒިޔާއިން ލީގު ފުރަތަމަ މެޗަށް ނުކުންނައިރު، ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފައި ވަނީ އެ ބައްޔަކީ ލީގު މެޗަށް އަސަރު ކުރާނެ ބައްޔެއް ކަމަށް ނުދެކޭ ކަމަށާއި، ކޮންމެ މެޗަކުންވެސް މޮޅުވުމަށް މާޒިޔާއަށް އޮތް ޕްރެޝަރު ހޭންޑްލް ކުރެވޭނެ ކަމަށެވެ.
"ދަސްކުރަން ރަނގަޅު ފިލާވަޅެއް (އީގަލްސް އަތުން ބަލިވުމަކީ). އެއީ ކޯޗުންނާއި ކުޅުންތެރިންނަށް ފިލާވަޅެއް. އެކަމަކު ވިސްނުން ހުރީ ލީގުގެ ފުރަތަމަ މެޗުން މޮޅުވާން. އެ ވިސްނުން ގެންގުޅޭނީ. މި ސީޒަންގައި ކޮންމެ ޓީމަކާ ދެކޮޅަށްވެސް ކުރިމަތިލާން ޖެހޭނީ ވަރަށް މުހިއްމު މެޗެއް ކަމަށް ދެކިގެން. އެއީ މާޒިޔާއަށް ނީންނާނެ ހުރިހާ މެޗަކުން މޮޅުވުން ނޫން ހަމަ އެހެން އެއްވެސް ވިސްނުމެއް. އެ ވިސްނުމުގައި ނުކުންނަން ޖެހޭއިރު އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. މާޒިޔާއާ ދެކޮޅަށް ކުޅޭއިރު، ހުރިހާ ޓީމަކުންވެސް މަސައްކަތް ކުރާނެ މޮޅުވިޔަ ނުދޭން. އެ ޕްރެޝަރު ނަގައިގެން ކުޅޭނީ،" އެފްއޭއެމްގައި ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ނިޒާމްބެ ބުނެފައިވެއެވެ.
ނިޒާމްބެ ބުނެފައި ވަނީ އާ ކޯޗެއް ޓީމަކާ ހަވާލުވެ، ޓީމަކަށް ބަދަލުތަކެއް ގެންނަން، ގޭމްޕްލޭން ބަދަލުކުރަން އުނދަގޫވާނެ ކަމަށާއި، މިދިޔަ ސީޒަންގައި މާޒިޔާއިން ބިދޭސީ ކޯޗަކާއެކު ނުކުމެ، އޭނާގެ ފިލޯސަފީ އޮތީ ކާމިޔާބު ކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ނިޒާމްބެގެ އަމިއްލަ ވިސްނުމަށް ޓީމު ބަދަލުކުރަން ކުރާ މަސައްކަތް ޕްރީ ސީޒަންގައި ކާމިޔާބުކޮށް ފެނުނު ކަމަށްވެސް އޭނާ ބުންޏެވެ.
"ޓީމެއްގެ ކަންކަން ބަދަލުކުރާއިރު ވިސްނަން ޖެހޭނެ ކްލަބުގެ ކަލްޗާއާއި ކުޅުންތެރިންގެ ވިސްނުމާއި ކުޅުންތެރިންގެ އެބިލިޓީއަށްވެސް. ހަމަ ޔަގީނުންވެސް އެންމެ ބޮޑަށް ފެނުނު އެއްޗަކީ، މާޒިޔާގެ ތިބި އެންމެ ހުނަރުވެރި ކުޅުންތެރިންނަށް އެންމެ ބެސްޓް ޕާފޮމަންސް ދެއްކޭ ގޮތަކަށް ނޫންކަން އޭރު ކުޅެވިފައި ހުރީ. އޭރުގެ ކޯޗަކަށް އެއްޗެއް ބުނަނީކީ ނޫން. އެކަމަކު އޭރުވެސް ދިމާވި ކަންކަން ބަދަލުކޮށް، ފުލް ކެޕޭސިޓީއަކަށް ކުޅުންތެރިން ގެންނަން މަސައްކަތް ކުރީ. ޕްރީ ސީޒަންގައި ވަރަށް ރަނގަޅަށް ޕާފޯމް ކުރި، އެ ބަދަލު ފެންނާނެ،" ނިޒާމްބެ ބުނެފައިވެއެވެ.
މާޒިޔާއާ ދެކޮޅަށް ނުކުންނަ ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނެފައި ވަނީ މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށާއި، މާޒިޔާއާ ދެކޮޅަށް ކުޅޭއިރު ޓީމުގެ އަސްލު ސްޓައިލްގައި ކުޅެން އުނދަގޫވާނެ ކަމަށެވެ.
"ޔޫވީގެ ޕްރެކްޓިސްތައް ރަނގަޅަށް ދިޔައީ. ޔޫވީގެ ކުޅުން މިދިޔަ އަހަރަށްވުރެ ރީތި ވާނެ. މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމަކީ މާޒިޔާ. މާޒިޔާއާ ދެކޮޅަށް ކުޅޭއިރު އުނދަގޫތަކެއް ހުންނާނެ. މާޒިޔާއާ ދެކޮޅަށް ކުޅުމަށް މިދިޔަ ހަފްތާއިން ފެށިގެން ތައްޔާރުވަމުންދިޔައީ. މާޒިޔާ ހުއްޓުވަން މަސައްކަތް ކޮށްގެން ކުޅޭނީ،" މުހައްމަދު އާދަމް ބުނެފައިވެއެވެ.
މުހައްމަދު އާދަމް ބުނެފައި ވަނީ ޔޫވީއާ ހަވާލުވާން ޖެހުނީ ސީޒަންގެ މެދުތެރެއިން ކަމަށާއި، ޓީމަށް ބޭނުންވާ އެންމެ އެކަށޭނެ ބަދަލު އެފަހަރު ނުގެނެވުނު ކަމަށެވެ. އެހެން ނަމަވެސް މިހާރު ވަގުތު ލިބި، ތަޖުރިބާކާރު ކޯޗިން ޓީމެއްގެ އެހީއާވެސް އެކު، މިފަހަރުގެ ސީޒަނަށް އެކަށީގެންވާ ވަރަށް ތައްޔާރުވެވިފައިވާނެ ކަމަށެވެ.
ޔޫވީއާއި މާޒިޔާ ކުޅޭ މިއަހަރު ލީގުގެ ފުރަތަމަ މެޗު އޮންނާނީ މިއަދު 4:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު