މައްސަލަތަކެއް ދިމާވެ ޕެރޫގައި ކުރިޔަށްދިޔަ ސައިނޯފާމް ވެކްސިންގެ ޓެސްޓުތައް ހުއްޓުވައިފިއެވެ.

ޗައިނާގެ ފާމަސޫޓިކަލް ކުންފުނި ސައިނޯފާމް އިން ޕެރޫގައި ކުރިޔަށް ގެންދާ ވެކްސިން ޓެސްޓުތައް ހުއްޓުވާފައިވަނީ ޓެސްޓުގެ ބައިވެރިޔަކު ވެކްސިން ބޭނުންކުރުމަށްފަހު ނާރުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

ޕެރޫގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ވަނީ ވެކްސިން ޓެސްޓުގައި ބައިވެރިވި ވޮލެންޓިއަރު ވަނީ ނާރުގެ މައްސަލަތަކެއް ދިމާވެފައި ކަމަށާއި އޭނާގެ އަތްވެސް ހަރަކާތް ނުކުރާކަމަށް ބުނެފައެވެ.

ޕެރޫގައި ވަނީ ސައިނޯފާމްގެ ޓެސްޓުތަކުގައި 12،000 އަށް ވުރެން ގިނަ މީހުން ބޭނުންކޮށްފައެވެ. ސައިނޯފާމް އިން ވަނީ ޕެރޫގައި ކުރިޔަށްދާ ވެކްސިން ޓެސްޓުތައް މިހަފުތާ ތެރޭ ނިންމާނެކަމަށް ބުނެފައެވެ. ނަމަވެސް މައްސަލަ ދިމާވެ ޓެސްޓުތައް މަޑުޖައްސާލާފައިވުމާއެކު ޓެސްޓުތައް ދެން ނިމޭނެ ތާރީހެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.