އަބޫދާބީއަށް ޒިޔާރަތްކުރާ ބޭރުގެ ޔޮޓްފަހަރަށް އެ އުޅަނދުފަހަރު ބަނދަރުކުރާ ތަންތަނުގައި ތިބެގެން އިމިގްރޭޝަނާއި ކަސްޓަމްސް ކްލިއަރެންސް ފުރިހަމަ ކުރެވޭނެ "ފްލޯޓިން ޕޯޓް އޮފް އެންޓްރީ" ގެ ހިދުމަތް ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން އިއްޔެ ތައާރަފުކޮށްފިއެވެ.
މިއީ އަބޫދާބީއަށް ޒިޔާރަތްކުރާ ބޭރުގެ ލަކްޝަރީ ޔޮޓްފަހަރަށް އިމިގްރޭޝަން ކަންކަން ފުރިހަމަކުރުމަށް އެހެން ބަނދަރަކަށް ދާންޖެހުން ހުއްޓުމަކަށް ގެނެސް، ރައްކާތެރިކަމާއެކު ހިދުމަތް އަވަސްކުރުމުގެ މަގުސަދުގައި ފެށި ހިދުމަތެއް ކަމަށް ހަބަރުތައް ބުނެއެވެ. މިއީ ޔޫއޭއީގެ ފެޑެރަލް އޮތޯރިޓީ ފޯ އައިޑެންޓިޓީ، ސިޓިޒަންޝިޕް، ކަސްޓަމްސް އެންޑް ޕޯޓް ސެކިއުރިޓީ (އައިސީޕީ) އާއި، އަބޫދާބީ މޮބިލިޓީ އަދި އަބޫދާބީ މެރިޓައިމް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ނިޒާމުގެ ދަށުން، ޔޮޓްތަކުގެ އެޖެންޓުން ކުރިން އެދުމުން، ޗެކިންއާއި ކްލިއަރެންސްގެ މަސައްކަތްކުރާ ޚާއްސަ އޮފިޝަލުން ޔޮޓް ބަނދަރުކޮށްފައިވާ މެރީނާއަށް ގޮސް އިދާރީ ކަންކަން ނިންމައިދޭނެއެވެ. އޮފިޝަލުން ބޭނުންކުރާނީ ބަޔޯމެޓްރިކްސްއާއި ދަތުރުފަތުރުގެ ލިޔެކިޔުންތައް ޗެކް ކުރެވޭނެ އެންމެ ފަހުގެ ވަސީލަތްތަކާއި ޑިޖިޓަލް ޓެކްނޮލޮޖީ އެވެ.
މި ހިދުމަތް އިއުލާނުކޮށްފައިވަނީ 19 ނޮވެމްބަރު 2026 އިން 22 ނޮވެމްބަރު 2026 އަށް އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ އަބޫދާބީ އިންޓަނޭޝަނަލް ބޯޓް ޝޯ 2026 ގެ ހަވާސާގައެވެ. މިއީ އަބޫދާބީގެ ލަކްޝަރީ ޔޮޓް ސްޓްރެޓެޖީގެ ދަށުން، އެ ސިޓީއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމާއި ކަނޑުދަތުރުފަތުރުގެ މުހިންމު މަރުކަޒަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.
އައިސީޕީގެ ޑިރެކްޓަރ ޖެނެރަލް މޭޖަރ ޖެނެރަލް ސުހައިލް ސަޢީދު އަލް ޚައިލީ ވިދާޅުވީ، މިއީ ބޯޑަރުގެ ސެކިއުރިޓީ ވަރުގަދަކުރުމާއެކު، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން އަބޫދާބީގެ ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.
ކޮމެންޓް