"ކްލައިމެޓް އިމަޖެންސީ" އިއުލާންކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ޕެރިސް ކްލައިމެޓް އެގްރީމެންޓަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިޔަށްދިޔަ ވާޗުއަލް ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަކުން މިހާރު ކްލައިމެޓް އިމަޖެންސީ އިއުލާންކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް ދުނިޔޭގެ 38 ގައުމަކުން ކްލައިމެޓް އިމަޖެންސީ އިއުލާންކޮށްފައިވާއިރު ބާކީ ހުރި ގައުމުތައްވެސް އެމޭރުމުން މަސައްކަތްކުރުމަށް ގުޓަރެއްވަނީ ގޮވާލައްވައިފައެވެ.

ގުޓަރެސް ވަނީ މުއްސަނދި ގައުމުތަކުން ކާބަން މަދުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފުވެސް ކުރައްވައިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 ލީޑަރުން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި ގައުމުތަކުގެ ލީޑަރުން ގެންދަވަނީ އެ ގައުމުތަކުގެ ހާލަތު ސަމިޓް މެދުވެރިކޮށް ހިއްސާކުރަމުންނެވެ.