(10 ޑިސެންބަރުގެ އަދަދާ ގުޅޭ)

ޒުވާނުން ހައިރާންވެގެން އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. އިޝްބީލިއްޔާގެ ސިފައިން ފިޔަވައި އަމިއްލަގޮތުން ޖިހާދުގައި ބައިވެރިވާން އައިސްތިބި މުޖާހިދުންގެ ތެރޭގައި إبـن عمّــار ގެ މޫނުފުޅު ފެނުމުގެ ނަސީބު ލިބިފައިވާ މުޖާހިދަކު ދާދި މަދެވެ. އޭނާގެ ޖާފަތްތަކާއި ޅެންކިޔުމުގެ ޙަފްލާތައް ބާއްވަވަނީ ދޫންޏަކަށްވެސް އެދިމާޔަށް ފިޔަ މަޅައިނުލެވޭވަރަށް ފާރަވެރިކަން ވަރުގަދަކޮށްގެންނެވެ. މިއަދު އޭނާ ކޭމްޕުން ނުކުމެވަޑައިގަތުން ވެފައިވަނީ ވަރަށް އައުކަމެއް ކަމުގައެވެ.

حسن ކުރިޔަށް ހިންގަވައިގަންނަވަމުން ވިދާޅުވިއެވެ. "ބޭބޭ! އަޅުގަނޑު މިއަދު ކޮންމެހެންވެސް އެ ފަރުދާގައި އުޅުއްވާ ސިފައިންގެ ވެރިޔާ ބަލައިލާނަން!"

ޒުވާނުންގެ ޖަމާޢަތެއް ހެމުން ހެމުން حسن ގެ ފަހަތްޕުޅުން ހިނގައްޖެއެވެ. سعد އާއި أحمد އާ ދެބޭފުޅުންގެ އިތުރަށްވެސް ޣަރުނާޠާގެ ޒުވާން މުޖާހިދުންކޮޅެއް އިރުކޮޅަކު އެތާނގައި ކޮޅަށް ތިއްބެވިއެވެ. އެންމެފަހުން سعد ވިދާޅުވިއެވެ. "ހިނގާ އަހަރެމެންވެސް އެ ނަސީބު ލިބިގަންނަމާ! މިކަހަލަ ސޫރަތަކަކީ އިރުއިރުކޮޅާ ފެންނާނެ ސޫރަތަކެއް ނޫން!"

* * * * * * * * * * *

إبـن عمّــار ގެ ފާލިކީ ކޮނޑުއަޅައިގެން ތިބީ ވަރުގަދަ ބަބުރުންގެ އަށްމީހުންނެވެ. އޭނާ ތުރުކުރައްވައިގެން އިންނެވީ ވަރަށް އަގުބޮޑު އަބާއެކެވެ. އޭނާގެ އިސްތަށިފުޅުގައި ކައިވަތެއްހައި އުސްތާކިހަލެއް އޮތެވެ. އެ ތާކިހަލުގައި ހުރީ ޖަވާހިރުން ކުރެހުން އަޅައިފައެވެ. އިޝްބީލިއްޔާގެ ޢަސްކަރީ އިސްއޮފިސަރުންގެ ބަޔަކާއި، ޤަޞްޠިލާގެ ހަތަރު ނައިޓުން އޭނާގެ ދެފަރާތުގައްޔާއި ފަހަތްޕުޅުގައި އަސްމަތީގައި ތިއްބެވިއެވެ. ރަނުގެ އަސައެއް ހިފައިގެންހުރި ޖަޑިބެއް އޭނާގެ ކުރިފުޅުމަތީން ހިނގަމުން ދިޔައެވެ. އޭނާގެ ފާލިކީ ހުއްޓައިލާ ކޮންމެ ތަނަކުންވެސް ވަށައިގެން ޖަމާވާ ސިފައިންނާ މުޚާޠަބުކޮށް ޖަޑިބު ގޮވައިލައެވެ.

"އެންމެހައި މުސްލިމުންނޭވެ! މިއަދަކީ ވަރަށްބޮޑު އިމްތިހާނެއްގެ ދުވަހެއް. ސިފައިންގެ ވެރިޔާއަށް ކާމިޔާބު ދެއްވުންއެދި ދުޢާކުރައްވާ!"

އެންމެން ދެއަތްމައްޗަށް ނަގައިންގެންތިބެ ދުޢާކުރަމުން ގެންދެއެވެ. حسن بــن عبـدالمـنعــم އޭނާއާ އެއްއުމުރެއްގެ މުޖާހިދެއްގެ ގާތުގައި ސިއްރު ސިއްރުން ވިދާޅުވިއެވެ. "ކޮންތާކު މޮޔައެއްތަ؟ މިއީ ސިފައިންގެ ކޮމާންޑަރެއްތަ؟ އެހެންނޫނީ އާކާވެންޏަކަށް ހެދުން އަޅުއްވައިފައި އިން އަންހެންކުއްޖެއްތަ؟ އަޅުގަނޑަށް އިޝްބީލިއްޔާއަށް ގޮސް معـتـمـد ގެ ފުރިހަމަ އިންތިޚާބަށް ސާބަސް ދެންނެވޭނެނަމަ ހާދަހާ ރަނގަޅޭ!"

إبـن عمّــار މިސްރާބު ޖެއްސެވީ އުތުރުފަރާތަށެވެ. މާގިނައިރެއްނުވަނީސް ލަޝްކަރުގެ އެންމެންނަށްވެސް އެބައިމީހުން ދެއަތްމައްޗަށް ނަގައިގެންތިބެ ދުޢާކުރެވެނީ ކޮންކަމެއްގެ ކާމިޔާބީއަށް އެދިކަން ޔަގީންވެއްޖެއެވެ.

إبـن عمّــار ވިސްނައިވަޑައިގެންނެވި ގޮތުގައި ހަނގުރާމަކުރެއްވުމަށްވުރެ ހީލަތްތެރި ގޮތެއްގައި ދުޝްމިނުން މައިތިރިކުރުވުން މާފަސޭހަވާނެއެވެ. އޭނާ އަލްފާންސޫގެ ބޮޑުންގެ ތެރެއިން ކުރިޔަށް ތިއްބެވި ހުރިހައި އަމީރުންނަށް އަގުހުރި އިނާމުތަކާއި ޖަވާހިރުތަކުގެ ރިޝްވަތު ދެއްވައިގެން އެބޭފުޅުންނާ ގުޅުން އުފެއްދެވިއެވެ. ހަނގުރާމަ ނުކުރައްވައި އެނބުރިވަޑައިގަތުމަށް އަލްފާންސޫއަށް ލަފާއެރުވުމަށް އެބޭފުޅުން ލައްވައި ވަޢުދު ކުރުއްވިއެވެ. އެގޮތަށް ޢަމަލުކުރައްވައިފިނަމަ އެބޭފުޅުންނަށް އިތުރު އެތައް އިނާމުތަކެއް އަރުވަން ވަޢުދުވިއެވެ. ޤަޞްޠިލާގެ އޮފިސަރުންނަށް إبـن عمّــار ގެ ދީލަތިފުޅުކަމުގެ ސަބަބުން ވަރަށްބޮޑަށް އަސަރު ކުރިއެވެ. ނަމަވެސް އަލްފާންސޫ ހަނގުރާމައިން އެއްކިބާކުރެވޭނެ އެއްވެސް ތަދުބީރެއް އެބޭފުޅުންގެ ވިސްނުންފުޅަކަށް ނުގެންނެވުނެވެ.

إبـن عمّــار ޤަޞްޠިލާގެ އޮފިސަރުން އޭނާގެ އަމިއްލަފުޅު ފޭލިގެކޮޅަށް ގެންދަވައި އެބޭފުޅުންނަށް ރާޒުވާކުޅިބައެއް ދެއްކެވިއެވެ. އެކުޅިބައިގެ ކުޅިތައް ހަދައިފައިހުރީ ވަރަށް އަގުހުރި އަލިމަސްތަކަކުންނެވެ. އަލިމަސްކޮށައި ގާނައި އޮމާންކޮށްގެންނެވެ. إبـن عمّــار ވިދާޅުވިއެވެ. މި ރާޒުވާކުޅިބަޔަކީ ދުނިޔޭގެ އަޖައިބުތަކުގެ ތެރެއިން ހިމެނޭ ވަރަށް ނާދިރު އެއްޗެއް. ތިޔަބޭފުޅުން އަލްފާންސޫގެ އަރިހަށް ވަޑައިގެން މި ރާޒުވާކުޅިބަޔަށް ނިހާޔަތަށް ތާރީފު ކުރައްވާ. މި ރާޒުވާކުޅިބައި ދެކެވަޑައިގަންނަވާ ހިތްޕުޅުން އޭނާ ބޭޤަރާރުވެވަޑައިގަންނަވާވަރަށް. އޭރުން އަޅުގަނޑު އޭނާއަށް ރާޒުވާކުޅިބައި އަރުވާން އެއްބަސްވާނަން. އެންމެފުރަތަމަ އަޅުގަނޑާއެކު ރާޒުވާގަނޑެއް ކުޅުއްވުމުގެ ޝަރުޠުގެ މައްޗަށް. އަޅުގަނޑު ބަލިވެއްޖެނަމަ ރާޒުވާ ކުޅިބައި އޭނާއަށް. އޭނާ ބަލިވެވަޑައިގެންފިނަމަ އަޅުގަނޑު އެދޭ އެއްކަމެއް ގަބޫލުކުރައްވަންވާނެ. އަޅުގަނޑު ގަދަވެއްޖެނަމަ އިޝްބީލިއްޔާއަށް ޙަމަލާ ނުދެއްވައި އެނބުރިވަޑައިގަތުމަށް އަލްފާންސޫގެ އަރިހުން އެދޭނަން.

އަލްފާންސޫގެ އަމީރުން އެނބުރިވަޑައިގެން އޭނާގެ އަރިހުގައި إبـن عمّــار ގެ ރާޒުވާކުޅިބަޔަށް ތާރީފު ކުރެއްވިލެއް ބޮޑުކަމުން އެ ރާޒުވާކުޅިބައި ހޯއްދެވުމުގެ އެދުންފުޅު އޭނާގެ ހިތްޕުޅުގައި ނިހާޔަތަށް އުފެދިއްޖެއެވެ. ނަމަވެސް އެއްވެސް ޝަރުޠެއް ގަބޫލު ކުރައްވާން އޭނާ ފަސްޖެހިވަޑައިގެންނެވިއެވެ. ޤަޞްޠިލާގެ އަމީރުން އޭނާއަށް ވިސްނައިދެއްވިއެވެ. "މަނިކުފާނު ޝަރުޠެއް ގަބޫލުކުރައްވަން ފަސްޖެހިވަޑައިގަންނަވަނީ ކީއްވެގެންތޯ؟ އަޅުގަނޑުމެން މޮޅުވެއްޖެނަމަ އަޅުގަނޑުމެން ހަނގުރާމަކުރުމަކާ ނުލައި އިޝްބީލިއްޔާގެ އެތައް ސަރަޙައްދުތަކެއް އަތުލައިގަންނާނީ. އޭނާ މޮޅުވިޔަސް އެބައިމީހުން ހުށަހަޅާ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ގެއްލުންހުރި އެއްވެސް ހުށަހެޅުމެއް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން."

ކޮންމެއަކަސް އެންމެފަހުން އަލްފާންސޫއާއި إبـن عمّــار އާ ދެބޭފުޅުން ރާޒުވާ ކުޅުއްވައިފިއެވެ. އަންދަލުސުގެ އެކިއެކި ތާރީޚު ފޮތްތަކުގައި إبـن عمّــار އާއި އަލްފާންސޫގެ ރާޒުވާގަނޑުގެ ތަފްސީލު ލިބޭން މިހާރުވެސް އެބަހުއްޓެވެ. ރާޒުވާގަނޑު ކާމިޔާބުކުރެއްވީ إبـن عمّــار އެވެ. އަލްފާންސޫ ސުވާލުކުރެއްވިއެވެ.

"إبـن عمّــار ބޭނުންފުޅުވަނީ ކޮންކަމެއްތޯ؟"

إبـن عمّــار ވިދާޅުވިއެވެ. "އަޅުގަނޑު އެދެނީ މަނިކުފާނު އަޅުގަނޑުމެންނާ ހަނގުރާމަ ނުކުރައްވައި އެނބުރި ވަޑައިގަތުން."

އަލްފާންސޫ ހަޅޭފުޅު ލައްވައިގެންނެވިއެވެ. "ނޫން! އެއްގޮތަކަށްވެސް ތިޔަކަމެއް ނުވާނެ! އިޝްބީލިއްޔާ ފަތަޙަކޮށްފައި މެނުވީ އެނބުރި ނުދާން އަހަރެންވަނީ ޢަހުދު ކޮށްފައި."

"ނަމަވެސް ކުރެވިފައިވާ ޝަރުޠުން މަނިކުފާނު ބަލިފުޅުވެއްޖެ. ވަޢުދާ ޚިލާފުވެވަޑައިގަތުމަކީ ރަސްރަސްކަލުންގެ ޤަދަރާ އެކަށީގެންވާ ކަމެއްނޫން."

އަލްފާންސޫ އޭނާގެ ބޮޑުންނާ ވަކީން މަޝްވަރާ ކުރެއްވިއެވެ. އެބޭފުޅުން އޭނާއަށް ވިސްނައިދެއްވިއެވެ. ރާޒުވާއިން މަނިކުފާނު ދެރަފުޅުވުމަކީ ނުބައި ފާލެކެވެ. މިއަހަރު ހަނގުރާމަ ކުރައްވައިފިނަމަ މަނިކުފާނު ބަލިފުޅުވުމަކީ އެކަށީގެންވާ ކަމެކެވެ. އިޝްބީލިއްޔާއާ އެހީވާން އަންދަލުސުގެ އެހެނިހެން އިސްލާމީ ދައުލަތްތަކުންވެސް ވަރަށްގިނަ އަދަދަކަށް މުޖާހިދުން އަންނަމުން އެބަދެއެވެ. އެހެންކަމުން ރަނގަޅު ގޮތަކީ އަޅުގަނޑުމެން މިހާރަށްވުރެވެސް ބޮޑަށް ތައްޔާރުވެގެން މިއަންނަ އަހަރު ޙަމަލާ ދިނުމެވެ. މިވަގުތު މަނިކުފާނު إبـن عمّــار ގެ އަރިހުން ކުރިޔަށްވުރެވެސް ބޮޑު އަދަދެއްގެ ޖިޒީއަށް އެދިވަޑައިގަންނަވާށެވެ. ޤަޞްޠިލާގެ ވަހުމަށް ހެއްލިފައިވާ ފާދިރީންވެސް އެބޭފުޅުންގެ ވާހަކަފުޅަށް ތާއީދު ކުރެއްވިއެވެ. ފާދިރީންވެސް ވިދާޅުވިއެވެ. ރާޒުވާގަނޑުން މަނިކުފާނު ބަލިފުޅުވުމަކީ ނުބައި ފާލެކެވެ. އެހެންކަމުން އަލްފާންސޫ މަޖުބޫރުވެވަޑައިގެން ހަނގުރާމަ ކުރެއްވުމުގެ ޚިޔާލު ބަދަލުކޮށްލެއްވިއެވެ. إبـن عمّــار އިހުނަށްވުރެވެސް މާގިނަ އަދަދެއްގެ ޖިޒީ ދެއްވާން އެއްބަސްވެ ވަޑައިގެންނެވިއެވެ.

إبـن عمّــار އަލްފާންސޫއާ ރާޒުވާ ކުޅުއްވައިގެން ކުރިހޯއްދެވުމަށްފަހު އެނބުރި އޭނާގެ މުޢަސްކަރަށް ވަޑައިގެންނެވުމުން އިޝްބީލިއްޔާގެ ލަޝްކަރު ފަލަކުތަކަށް އަޑުއަރައިގެންދާ ވަރަށް ނަޢުރާ ކުރަމުން އޭނާއާ އިސްތިޤުބާލު ކުރިއެވެ.

އެރޭގެ ރޭގަނޑު ފަތަޙައިގެ އުފާފާޅުކުރުން އޮތެވެ. މުޢަސްކަރު އޮތީ ދިއްލައި ހުޅުދާންކޮށް ޒީނަތްތެރިކޮށްފައެވެ. ޖާފަތްތައް ބާއްވައި ކާބޯތަކެތި ތަޅައި އުދުއްސައިލެވުނީ ސުމާރު ވަރަކަށެއް ނޫނެވެ. ނެށުމާއި ލަވަކިޔުމުގެ މަހެފިލުތައް އޮތީ އާލޭގޮވައިފައެވެ. ޝާޢިރުން އެބައިމީހުންގެ އުދާސްތައް ބޭރުކުރުމުގައި ސިކުނޑީގެ ހުރިހައި ބާރެއް ހޭދަކުރަމުން ގެންދިޔައީ عبـدالـرّحـمن الأعظم އަށްފަހު މުސްލިމް އަންދަލުސުގެ ތާރީޚު ފާތިޙަކު ދެކެފައިވާނަމަ އެބޭފުޅަކީ إبـن عمّــار ކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ. إبـن عمّــار ރާފޮދުގެ މަސްތުގައި ހުންނަވައި ހީފުޅުކުރެއްވީ ޙަޤީޤަތުގައިވެސް އޭނާއަށް ފާތިޙުންގެ އެންމެ ކުރީސަފަށް ނުކުމެވަޑައިގެންނެވިއްޖެހެންނެވެ. އެތައް ހިސާބެއްގެ ދުރުން ކްރިސްޓިއަނުންނާ ޖިހާދު ކުރުމުގެ ޢަޒުމުގައި ވަޑައިގެންނެވި މުޖާހިދުން އިންތިހާދަރަޖައިގެ މާޔޫސްކަމާއި، ހިތާމަފުޅާއެކު ކަރުނައިގެ ލޯފުޅަކުން އެމަންޒަރު ބައްލަވާން ތިއްބެވިއެވެ.

ފަތިސްދަންމަތިވީއިރު ނެށުމާއި ލަވަކިޔުމުގެ ފޯރި ތަންކޮޅެއް ކުޑަވެއްޖެއެވެ. މުޢަސްކަރުގެ އެއްފަރާތެއްގައިހުރި ފޭލިގެއެއްގެ ތެރޭގައި ސަޖިދަޔަށް އޮތް ޒުވާނެއް ގިސްލައި ރޮމުންގެންދެއެވެ. އޭނާގެ ދުލުން ބޭރުވަމުންދިޔައީ އަންނަނިވި ދުޢާއެވެ.

"ޢާލަމްތަކުގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ ޤައުމު ހަލާކުން ސަލާމަތްކުރައްވާނދޭވެ! ޤައުމުގެ ވެރިކަމަށް އަތްގަދަކޮށްގެންތިބި މަދު މީސްކޮޅެއްގެ ޢަމަލުތަކުގެ ސަޒާ އަޅަމެންނަށް ނުދެއްވާނދޭވެ! ދީލަތިވަންތަ އޯގާވަންތަ ރަސްކަލާކޯއެވެ! ވެރިކަމުގައިތިބި މީހުން އެބައިމީހުންގެ އަތްތަކުން ކޮންނަމުން އެގެންދާ ހަލާކުގެ ވަޅުގަނޑަށް އެބައިމީހުން ފުރޮޅައިލުމުގެ ހިތްވަރު މިއަޅާއަށް ދެއްވާނދޭވެ! އެ ފިރުޢައުނުތަކުގެ ކުރިމަތީގައި ޙައްޤުގެ އަޑު އުފުލައިލުމުގެ ކެރުމާއި ހިތްވަރު މިއަޅާއަށް ދެއްވާނދޭވެ!" މި ދުޢާ ކުރަމުން ގެންދިޔަ ޒުވާނަކީ سعد بــن عبـدالمـنعــم އެވެ.

އޭގެ އަނެއްދުވަހުގެ ހެނދުނު ޣަރުނާޠާގެ މުޖާހިދުން ގެންދިޔައީ ދަތުރަށް ތައްޔާރުވަމުންނެވެ. سعد އޭނާގެ ކޮއްކޮމެންގެ އަރިހުގައި ވިދާޅުވިއެވެ. "ކޮއްކޮމެން މުޖާހިދުންނާއެކު ޣަރުނާޠާއަށް ވަޑައިގަންނަވާ! ބޭބެވެސް ވަރަށް އަވަހަށް ރަށަށް އެބަދަން."

أحمد ސުވާލު ކުރެއްވިއެވެ. "ބޭބެ މިރަށުގައި މަޑުކުރައްވަނީ ކީއްކުރައްވަންތޯ؟"

سعد ޖަވާބު ދެއްވިއެވެ. "ބޭބެ މިދަނީ ބޭބެގެ އެންމެފަހުގެ ވާޖިބު އަދާކުރުމަށްޓަކައި އިޝްބީލިއްޔާއަށް."

أحمد ސުވާލު ކުރެއްވިއެވެ. "ބޭބެ ތިޔަވަޑައިގަންނަވަނީ معـتـمـد ގެ އަރިހަށްތޯ؟"

"ބޭބެއަށް އެނގޭ އެއީ އެއްވެސް ލާބައެއްހުރި ކަމެއް ނޫންކަން. ނަމަވެސް ބޭބެ އެކަމަށް ޢަޒުމު ކަނޑައަޅައިފީން."

"އަޅުގަނޑުވެސް ބޭބެގެ އަރިހުގައި ދާނަން!"

"އަޅުގަނޑުވެސް!" حسن ވިދާޅުވިއެވެ.

ޣަރުނާޠާގެ މުޖާހިދުންގެ ތެރެއިން إلـيــاس ވެސް ވިދާޅުވިއެވެ. އަޅުގަނޑުވެސް ކަލާގެ އަރިހުގައި ދާނަން. މިވީގޮތުން އަޅުގަނޑުމެން އެނބުރިގޮސް ދައްކާނީ ކޮންމޫނެއްތޯ؟ މިހާރު އަޅުގަނޑުމެންގެ އެންމެއިސް ވާޖިބަކީ معـتـمـد ގެ ކުރިފުޅުމަތީގައި އޭނާ ބަލިވެވަޑައިގެންނެވި ވާހަކަ ދެންނެވުން. އޭނާގެ ކިބައިގައި ޣީރަތުގެ ކޮންމެވެސް ކަނިފަށެއް ހުރުމަކީވެސް އެކަށީގެންވާ ކަމެއް!"

ޣަރުނާޠާގެ މުޖާހިދުންގެ ތެރެއިން އިތުރު ތިންމީހަކުވެސް سعد ގެ އަރިހުގައި ދާން ތައްޔާރުވެއްޖެއެވެ. سعد އޭނާގެ މަންމަޔަށް ސިޓީއެއް ލިޔުއްވައި މުޖާހިދުންނާއެކު އެނބުރި ރަށަށްދާ ޒުވާނަކާ ހަވާލު ކުރެއްވިއެވެ. سعد އެސިޓީ ހަވާލުކުރައްވަމުން ވިދާޅުވިއެވެ. "މިސިޓީ އަހަރެންގެ ގެއަށް ރައްދުކޮށްދޭތި! އިރާދަކުރެއްވިއްޔާ އަހަރެންވެސް ހަފާތެއްހައި ދުވަހުގެ ތެރޭގައި ރަށަށް އެބަދަން."

(ނުނިމޭ)