އާސެނަލްއާ ދެކޮޅަށް ވުލްވްސްއިން ކުޅުނު މެޗުގައި ވުލްވްސްގެ ފޯވަޑް ރައުލް ހިމަނޭޒްގެ ބޮލުގެ ނާށިގަނޑަށް ލިބުނު އަނިޔާއަށްފަހު، ފުރަތަމަ ފަހަރަށް އޭނާ ކުޅުންތެރިންނާ ބައްދަލުކޮށްފިއެވެ.

ވުލްވްސްގެ މެކްސިކޯ ފޯވަޑް ހިމަނޭޒްގެ ބޮލަށް އަނިޔާވީ އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ ބޮލުގައި ޖެހިގެންނެވެ. ލުއިޒް އާއި ދެކުޅުންތެރިން ޖެހި ހިމަނޭޒްގެ ބޮލަށް އަނިވެފައިވާ އިރު، އޭނާ ދަނޑުން ބާލައިގެން ގެންގޮސްފައިވަނީ ސީދާ ހޮސްޕިޓަލަށެވެ. ދަނޑުމަތީގައި އޮކްސިޖަނާއެކު ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓް ވަންދެން އޭނާއަށް ފަރުވާ ދީފައިވެއެވެ.

ނުރައްކާތެރި އަނިޔާއާ ގުޅިގެން ވުލްވްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިމަނޭޒްގެ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ހިމަނޭޒްގެ ބޮލުގެ ނާށިގަނޑުގެ ބައެއްގައި ރެނދުލާފައިވާ ކަމަށްވެސް ވުލްވްސްއިން ބުނެފައިވެއެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ގޭގައި ރިކަވަރީ ފުރިހަމަކުރަމުން އަންނަ ހިމަނޭޒް، ވުލްވްސްގެ ތަމްރީނުތަކަށް ގޮސް ކުޅުންތެރިންނާ ބައްދަލު ކޮށްފައިވާއިރު، ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ބުނެފައި ވަނީ ހިމަނޭޒް ފެނުމާއެކު ކުޅުންތެރިންގެ ރޫހު ރަނގަޅުވެގެން ދިޔަ ކަމަށެވެ.

"ހިމަނޭޒްގެ ހިނިތުންވުން ފެނުމަކީ ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމެއް. ހިމެނޭޒްގެ ރިކަވަރީ ދަނީ ރަނގަޅަށް. ވަރަށް އަވަހަށް މެޗުތަކަށް ތައްޔާރުވާން ފަށާނެ،" ނޫނޯ ބުނެފައިވެއެވެ.

ހިމަނޭޒްއަށް ހިތްވަރު ދިނުމުގެ ގޮތުން ވުލްވްސްއިން އެންމެފަހުން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވާމް އަޕް ކޮށްފައި ވަނީ ހިމަނޭޒްއަށް ހާއްސަކޮށްފައިވާ ޓީޝާޓުތަކެއްގައެވެ. ހިމެނޭޒްގެ އަނިޔާއާއި ގުޅިގެން، އޭނާއަށް ހާއްސަ ބެނާއެއް ވުލްވްސްގެ ދަނޑުގައި ދެމުމަށް ސަޕޯޓަރުން ވަނީ ހާއްސަ ފަންޑް ރައިސިން ކެމްޕޭނެއް ފަށައިފައެވެ. ދެގަޑިއިރުގެ ތެރޭގައި ކެމްޕޭނަށް 8،000 ޕައުންޑް ލިބިފައިވާ އިރު، 7،500 ޕައުންޑަށްވުރެ އިތުރުވާ ކޮންމެ ޕައުންޑެއް ހިމަނޭޒް ބޭނުން ޗެރިޓީއަކަށް އެހީވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ހިމަނޭޒްއަށް ހެޔޮ އެދޭ މެސެޖުތައް ފޮނުވުމަށްވެސް ވުލްވްސްއިން ހުޅުވާލާފައިވާ އިރު، 24 ގަޑިއިރު ނުވަނީސް އެ ޕޯޓަލްއަށް 10،000 އަށްވުރެ ގިނަ މެސެޖު ލިބިފައިވެއެވެ.