އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނަށް، ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ބޭނުންވާ ވަރަށް ނުކުރެވޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޗެނަަލް 13އިން ރޭ ގެނެސްދިން "ތަރާދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ޕްރޮގްރެސިވް ކޯލިޝަނުން ބޮޑެތި ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެންމެ ބޭނުންވާ ވަރަށް ނުކުރެވޭ ކަމުގައި ވިދާޅުވިއެވެ.
"ސިޔާސީ އިދިކޮޅު ޕާޓީއަކަށް ނުވަތަ ވާދަވެރި ޕާޓީއަކަށް އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތެއް ނުކުރެވޭ. އެކަން އަޅުގަނޑުމެން ގަބޫލު ކުރަން." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސަރުކާރުން "ފިތްކަނޑައިގެންދާ" ވަރުގެ ކަންތައްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އިދިކޮޅުން ކުރާނެ ކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ ލާބައަށް އެއްވެސް މަސައްކަތެއް ނުކޮށްދޭނެ ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ކޮވިޑާއި ގުޅިގެންވެސް ބޮޑެތި ވައްކަންތައްކޮށް ރައްޔިތުން ނިކަމެތި ކުރަމުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ. ހާއްސަކޮށް މަސްވެރިންނަށް މި ސަރުކާރުން ބިކަ ހާލު ޖައްސާފައިވާކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އިދިކޮޅުގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވުމުގެ ފުރުސަތު ލިބޭ ކަމަށެވެ. ނަމަވެސް އިދިކޮޅުން ހުށަހަޅާ ކަންކަން އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް އަދި އެހެން އިދާރާތަކުންވެސް ނުވާކަމަށް ވިދާޅުވިއެވެ.