މުޅި ދުވަހު މަގުތަކުގައި ކުނި ކޮތަޅުތައް ހުންނަ މައްސަލައަށް ހައްލު ގެނައުމަށްޓަަކައި، މާލޭ ސަރަހައްދުގެ ގޭބިސީތަކުން ދަންވަރު ގަޑީގައި ކުނި ނަގާ ގޮތަށް ވެކްމޯއިން ނިންމައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ގޭގެގައި އުކާލާ ކުނި ކޮންމެ ދުވަހެއްގެވެސް މެންދުރު 12:00 އާއި މެންދުރުފަހު 2:00 އާ ދެމެދު ގޭގޭގެ ތިރިއަށް ބާލާފައި ބެހެއްޓުމަށް ވެމްކޯ އިން ވަނީ އަންގައިފައެވެ. ނަމަވެސް ކުނިތައް ނުނެގި ގިނައިރުވާތީ އެކަމުގެ ކަންބޮޑުވުން ބައެއް މީހުން ދަނީ ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮތަޅުތައް މަގުތަކުގައި މުޅި ދުވަހު އޮންނަ އޮތުން ބަދަލުކޮށް ފަތިސް ވަގުތަށް މަގުތައް ސާފުކޮށް ބޭއްވުމަށް ކައުންސިލާއި ވެމްކޯއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މޭޔަރު ޝިފާ ވިދާޅުވީ، ދަންވަރު ކުނި ނެގުމުގެ މަޝްވަރާތައް ކޮށް، ދަންވަރު ގަޑީގައި ކުނި ނަގައި ފަތިސް ވުމުގެ ކުރިން މަގުތައް ސާފުކޮށްފައި ބޭއްވުމަށް ސިޓީ ކައުންސިލުން މި ހަފުތާގެ ތެރޭގައި ބޭއްވި ބައްދަލުވުމުގައި ނިންމައި އެކަން ވެމްކޯއަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ކުނި ނަގާނެ ސީދާ ގަޑިއެއް ޝިފާ ވިދާޅެއް ނުވެއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ދަންވަރު ގަޑީގައި ކުނި ނެގުމުގެ މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެމްކޯއިން ކުނި ކަލެކްޓް ކުރަމުން އަންނަނީ އެންމެ ކާރޫބާރޫ ބޮޑު ވަގުތަށް ވެފައި، ގިނަ ބަޔަކު މަގުތަކަށް ޖަމާވެ އުޅޭ ވަގުތުގައި ކުނި ނެގުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑުމެން މި ނިންމީ ރޭގަނޑު ކުނި ނެރޭ ގޮތަށް ހަމަޖެއްސުމަށް. މިހާރު އަޅުގަނޑުމެން ވަގުތީ ގޮތުން ކަނޑައަޅާފައި މިވާ ގަޑިއަކީ ރޭގަނޑު 10:00 އިން މެންދަމު 12:00 އަށް ކުނި ނެރޭ ގޮތަށް. ދެން މެންދަމު 12:00 އިން ފެށިގެން ކަލެކްޓް ކުރަމުން އަންނަ ގޮތަށް. މި ގަޑިތައް ހަމަ އަދިވެސް ބަދަލުވެދާނެ،" އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، ގޭބިސީތަކުން ކުނި ނެރުމަށް ހަމަޖައްސާ ގަޑިތަކަށް އަންނަ ބަދަލުތައް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށެވެ.