އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ދުނިޔެއިން ކުރަމުން އައި މަސައްކަތަށް ކޮވިޑުގެ ސަބަބުން ހިޔަނި އެޅިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ މުނާސަބާގައި މިނިސްޓަރު ޝާހިދު ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، އިންސާނީ ހައްގުތަކާއި ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގައި ބަޔާން ކުރާ އަސާސީ ސިފަތަކުގައި ރާއްޖެއިން ހިފަހައްޓާނެ ކަމަށެވެ. މި ޑެކްލަރޭޝަން 1948 ގައި ވުޖޫދަށް އައުމާއެކު، ވަކި މީހަކަށް ވަކި ނަސްލަަކަށް ބެލުމެއްނެތި، އެންމެންނަށް ލިބެންޖެހޭ މިނިވަންކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިން ކަމަށާއި މި ޑެކްލަރޭޝަން ސިފަވެގެން ދިޔައީ މުޅި އިންސާނިއްޔަތަށް ލިބިގެން ދިޔަ އުންމީދުގެ އަލިކަމެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ "ރިކަވާ ބެޓާ- ސްޓޭންޑް އަޕް ފޯ ހިއުމަން ރައިޓްސް" މި ޝިއާރުގެ ދަށުން ހަމަހަމަކަމާއި އިންސާފާއި އާމާންކަން ގާއިމުކުރުމަށް ބޭނުންވެފައިވާ މިންވަރު ވަނީ އިންތިހާއަށް މުހިންމުވެފައި ކަމަށެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ދުނިޔެއިން ކުރަމުން އައި މަސައްކަތަށް ކޮވިޑް 19ގެ ސަބަބުން ހިޔަނި، އެޅި ބޭއިންސާފާއި ނަހަމަ އިތުރުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިންސާނިއްޔަތަށް އަޅާލަން ޖެހިފައިވާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި އެއްވެސް ބަޔަކު ބާކީ ނުވާނެހެން އެންމެންގެ ހައްގުތަކަށްވެސް ލިބިދޭންޖެހޭ ހިމާޔަތާއި ސަމާލުކަން ލިބޭނޭ ފަދަ އުސޫލަކުން ކަންތައްތައް ބައްޓަންކޮށްގެން ކުރިއަށް ދިއުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، 2030އަށް އަމާޒުކޮށްފައިވާ ސަސްޓެއިނަބިލިޓީ ޑިވެލޮޕްމަންޓް އެޖެންޑާގެ އަސާސްތަކުގެ ދަށުން ބޭއިންސާފާއި ތަފާތު ކުރުންތައް ނައްތާލަން ބައިނަލްއަގުވާމީ މުޖުތަމައުން މިއަދު އެކުއެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އިންސާނީ ހައްގުތައް ދިފާއު ކުރުމާއި، ނެގެހެއްޓުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ތަނބެއްގެ ގޮތުގައި ސިފަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުން ކަށަވަރުކުރާ އިންސާނީ ހައްގުތައް ރާއްޖޭގެ ގާނޫން އަސާސީން ވެސް ކަށަވަރުކުރުމަށް އަހައްމިއްޔަތުކަން ދޭ ކަމަށެވެ. އެގޮތުން "އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް ޑިސަޕެއަރަންސް" ގައި ރާއްޖެއިން ބައިވެރިވުމުގެ އެންމެ ފަހު މަރުހަލާގައި ވާއިރު، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި އިތުރު ކުރިއެރުންތައް ހާސިލުކުރަން މި ސަރުކާރުން އެދޭ މިންވަރު އަދި އެކަމަށް ކުރާ އުންމީދު، މިއަދު އިހުނަށްވުރެވެސް ބޮޑަށް ވަރުގަދަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުން އަންނަ އިންސާނީ ހައްގުތަކާ ބެހޭ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު