ދެ ހަފުތާ ތެރޭ ރާއްޖެއިން ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގް އެކަން ދޮގުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށްއޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާގެ ބޭންކުތައް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި މިހާތަނަށް ޗައިނާގެ ބައެއް ބޭންކުތަކުން ލުއިތަކެއް ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

ޗައިނާގެ ބޭންކުތަކަށް ރާއްޖެއިން ދައްކަން ޖެހޭ އެ އަދަދަކީ ކުރިއަށް އޮތް 14 ދުވަހު އާމްދަނީގެ ގޮތުގައި ރާއްޖެއަށް ލިބޭ އާމްދަނީގެ 50 އިންސައްތަ ކަމަށާއި ކޮވިޑާއެކު ރާއްޖެއަށް ނޭވާލާނެ ފުރުސަތު ބޭނުންވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަފުޅު ދޮގުކުރައްވައި، ޗައިނާގެ ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަން ނުޖެހޭނެ ކަމަށް ޗައިނާގެ ބޭންކުތަކުން މައުލޫމާތުދީފައިވާ ކަމަށެވެ. އަދި އެކައުންޓް ފޮތްތައް ބެއްލެވުމަށް ވެސް ނަޝީދަށް ސަފީރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

އަންނަ އަހަރުގެ ބަޖެޓުން ޗައިނާގެ ލޯނުތައް ދެއްކުމަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭކަން މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ކޮވިޑާއެކު ވެސް ޗައިނާއިން ލޯނުތައް ދެއްކުމުގައި ލުއިތަކެއް ދީފައިނުވާ ކަމަށް އޭރު ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރު ރާއްޖޭގެ ބަޖެޓުގެ 53 އިންސައްތަ ހޭދަވާނީ ދަރަނި އަދާކުރުމަށް ކަމަށާއި އޭގެ ތެރެއިން 80 ޕަސެންޓް ދަރަންޏަކީ ޗައިނާއަށް އަނބުރާ ދައްކަންޖެހޭ ދަރަނި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި މާމަގެ ގަހަނާތައް ވިއްކާލައިގެން ވެސް އެ ދަރަނި އަދާނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އެ ވާހަކަފުޅުތަކާ ގުޅިގެން ރައީސް އޮފީހުން ވަނީ ޗައިނާގެ ބައެއް ލޯނުތައް ފަސްކޮށްދިފައިވާކަން ހާމަކޮށްފައެވެ. އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު އޭރު ވިދާޅުވެފައިވަނީ ވޯލްޑް ބޭންކުގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ ސަރުކާރުން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅުތަކާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގް ވެސް ވަނީ ރައްދުދެއްވައިފައެވެ. ސަފީރު ވިދާޅުވީ މާމަގެ ފަރާތުން ވާރުތަވަމުން އަންނަ ގަހަނާތަކަކީ އަގުބޮޑު އަދި އަގުހުރި ތަކެތި ކަމަށެވެ. ނަމަވެސް އެ ގަހަނާތަކަށްވުރެ ޗައިނާއަށް މުހިންމީ އެކުވެރިކަން ކަމަށާއި އަދި އެއީ އަގުކުރެވޭނެ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.