ކިތަންމެ ބަލި ބޮޑުވިޔަސް ނަމާދު އެޅުމެއް ނެތް ކަމަށާއި މިއަދު ފެންނަނީ އެއާ ހިލާފު މަންޒަރެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ މިއަދު ފެންނަ މަންޒަރަކީ މީހަކު ހަމަ ބައްޔެއް ވެލާ އިރަށް ނަމާދު ދޫކޮށްލާ މަންޒަރު ކަމަށެވެ.
"ކިތަންމެ ބަލި ބޮޑުވިޔަސް ނަމާދު އެޅުމެއް ނެތެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ މިއާ ހިލާފު މަންޒެރެކެވެ. މީހަކު ހަމަ ބައްޔެއް ވެލާ އިރަށް ނަމާދު ދޫކޮށްލައެވެ. ބައެއް މީހުން ނަމާދު ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ގަޟާ ކުރުމުގެ ނިޔަތުގައެވެ. އެ ބަލީގައި މަރުވެއްޖެ ނަމަ، އެއީ އޭނާއަށް ލިބުނު އުޒުރެއް ކަމަށް ދެކިގެންނެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ނަމާދަކީ ރަށުގައި ގާއިމުވެ ހުންނަ މީހާގެ މައްޗަށާއި، ދަތުރުވެރިޔާގެ މައްޗަށާއި، ބަލިމަޑުކަމުގައިވާ މީހާގެ މައްޗަށް ވެސް ފަރްޟު ކުރައްވާފައިވާ އަޅުކަމެއް ކަމަށާއި ހަނގުރާމައިގެ ހާލަތުގައްޔާއި ބިރުވެރިކަމުގެ ހާލަތްތަކުގައި ވެސް ނަމާދުކުރުމަށް އަންގަވާފައިވާ ކަމަށެވެ.
"ނަމާދަކީ ވަރަށް ބޮޑު ޒިންމާއެކެވެ. އެއީ ﷲގެ ހަޟްރަތުގައި މަތިވެރި ގަދަރެއް ލިބިގެންވާ ކަމެކެވެ. އިސްލާމް ދީނުގެ މަތިވެރި ބިނާ ގާއިމުވެފައިވަނީ ނަމާދުގެ މައްޗަށެވެ. އެއީ ﷲ އާ އެކަލާނގެ އަޅާ ގުޅުވައިދޭ ވަރުގަދަ ވާފަށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ މިއަދު މިސްކިތްތައް ވަރަށް ގިނަ ކަމަށާއި ބާޒާރުމަތީގައްޔާއި ކުޅިވަރު ދަނޑުތައް ކައިރީގައްޔާއި އަތިރިމައްޗާ ކައިރި ހިސާބުހިސާބުގައި މިސްކިތްތައް އެބަ ހުރި ކަމަށެވެ. އަދި ނަމާދު ވަގުތުތަކުގައި ރޭޑިއޯ އާއި ޓީވީތަކުން ބަންގި ގޮވައި، ނަމާދުކުރުމަށް ހަނދާންކޮށްދެމުން އަންނަ ކަމަށާއި ނަމަވެސް އެކި ކަންކަމުގައި މަސްއޫލުވެ، ނަމާދު އަޅާ މީހުން މަދެއް ނޫން ކަމަށް ބުނެފައިވެއެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ