މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ރީ ސްޓްރަކްޗާ ޕްލޭންތައް ނިމޭއިރު ސްޓޯރޭޖް ކެޕޭސިޓީ 10،500 ޓަނަށް އިތުރު ކުރެވޭނެ ކަމަށް ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ފައުޒީ ވިދާޅުވީ މިފްކޯ މިހިސާބަށް އާދެވުނުއިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ޕްލޭން ކުރި ހިސާބެއްގައި ނޫން ކަމަށާއި އެހިސާބަށް ވާސިލް ވުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރަން ހުރި ކަމަށެވެ.

މިފްކޯ އަކީ މަސްވެރިންގެ ހިދުމަތަށް އޮތް ކުންފުންޏެއް ކަމަށާއި އެހެންކަމުން ކަންކަން ބަދަލު ކުރަން ޖެހޭ ކަމަށް ފައުޒީ ވިދާޅުވިއެވެ. އެގޮތުން މިހާރު މިފްކޯގެ ރީސްޓްރަކްޗާ ޕްލޭންގެ ދަށުން އެކަންކަން ރަނގަޅު ކުރެވިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

"ކުރިއަށް ހުރި ޕްލޭންތަކުގެ ތެރޭގައި މިފްކޯގެ ކެޕޭސިޓީ ޕްލޭންތަކާއި އެހުރިހާ ކަމަކަށް އަޅުގަނޑުމެން ވޯކް ކުރަމުން މިދަނީ. މިފްކޯގައި މިހާރު ހުރި 3500 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ޕްލޭންތައް ނިމޭއިރު 10500 ޓަނަށް ގެނެވޭނެ،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީީ ޕްލޭންތައް ނިމުމުން މިފްކޯގެ ބައިން ކެޕޭސިޓީވެސް ވަރަށް ބޮޑުތަނުން އިތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 700 ޓަނާ ހަމައަށް މަސް ގަނެވޭނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ ކޮވިޑާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ގިނަ ޒުވާނުން ނުކުންނަން ފަށާފައިވާ ކަމަށާއި ޒުވާނުން ވަރަށް ހިތްވަރު ދައްކަމުން އަންނަ ކަމަށެވެ. އަދި ފިފްތު ޖެނެރޭޝަންގެ ދޯނި ފަހަރާއެކު އިތުރު ޒުވާނުން މި ސިނާއަތަށް ނުކުންނާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި މަސްވެރިކަމުގެ ސިނާއަތަށް އިތުރު ޒުވާނުން ނުކުމެއްޖެނަމަ މިހާރުގެ ޕްލޭންގައިވާ 10500 ޓަނުގެ ކެޕޭސިޓީވެސް މަދުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިހާރު މިއޮތް ޕްލޭން އާއި އެކު މަސައްކަތް ނިންމައި މަސްވެރިންގެ ހުރި އުދާސްތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު ކަމަށާއި އެގޮތުން މިއަދުވެސް ކޫއްޑޫއަށް 300 ޓަނުގެ މަސް ލިބިފައިވާ ކަމަށެވެ. އަދި ފެލިވަރުން ގަންނަ މަހާއެކު 500 ޓަނު މިއަދު އެކަނިވެސް ލިބިފައިވާ ކަމަށެވެ.

ފެލިވަރުގައި ސްޓޯރޭޖް ކެޕޭސިޓީ ހުންނަނީ ގާތްގަނޑަކަށް 700 ޓަނުގައި ކަމަށާއި އެހެންކަމުން އުތުރުގެ ކެޕޭސިޓީ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ، އެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށާއި އެކަމަށް ހައްލުތަކަށް ހޯދުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.