ރާއްޖެއާއި ޗައިނާއާ ދެމެދު އަލުން ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މިއަދު ވާޗުއަލްކޮށް ބޭއްވި މަޝްވަރާތަކުގައި ވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ކޮވިޑް އިތުރަށް ފެތުރުން ހުއްޓުވުމާއި އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމާއި ރާއްޖެ އާއި ޗައިނާއާ ދެމެދު އަލުން ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ފެއްޓުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް ވިދާޅުވީ ރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތުގައި ޗައިނާ ސަރުކާރާއި ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް، އަވަސް މުސްތަގްބަލެއްގައި ދެގައުމުގެ ދެމެދު ދަތުރުފަތުރު އަލުން ފެށި، ވިޔަފާރިކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރަން،" ޖާވިދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މރ. ޗެންގް ސޮންގް ވިދާޅުވީ ރާއްޖެ އާއި ޗައިނާއަކީ ވަރަށް ގާތް ދެގައުމު ކަމަށާއި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާއަށް ރާއްޖޭގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި ރާއްޖެއަކީ ޗައިނާގެ މުހިއްމު ބައިވެރިއެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ މަޝްވަރާތަކުގައި ދެ ގައުމުންވެސް ވަނީ ދެގައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި އިގުތިސޯދީ އަދި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރިއެވެ. އަދި ހާރިޖީ ވަޒީރުންގެ ފެންވަރުގައި ދެގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރާއްޖެއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު