ކޮވިޑް-19އާ ދެކޮޅަށް ލިބޭ ވެކްސިން ވީހާވެސް ގިނަ ބަޔަކު ޖެހުމަށް ޑރ. ނަޒްލާ މުސްތަފާ އިލްތިމާސް ކުރައްވައިފި އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ވެކްސިން ޖަހައިގެން ކުރިމަތިވާ އަސަރުތައް ދިރާސާކޮށް ބަލާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ވެކްސިން އެންމެ ފުރަތަމަ ދިނުމުގައި އިސްކަން ދީފައިވާނީ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ. އެގޮތުން ބަލި މީހުންގެ އެހީތެރިންނާއި ކޮވިޑް ޖެހުމުން ބޮޑުވަރުވެދާނެ މީހުންނަށް އިިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އާންމުންނާ ގިނައިން ބައްދަލުވާ ފަދަ މަސައްކަތްތައް ކުރާ މީހުން ކޮވިޑްގެ ވެކްސިން ޖެހުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ޕަބްލިކް ގިނަ މީހުންނާ ދިމާވާ މީހުންނަށް އަޅުގަނޑުމެން ރެކޮމެންޑް ކުރަން ވެކްސިން ލިބިގަންނަން. ދެން މީގެ އިތުރުން އިންޓަނޭޝަނަލް ޓްރެވެލާސްއަށް ވެސް. އަޅުގަނޑުމެން އެމީހުންނަށް ރިކޮމެންޑް ކުރަން ވެކްސިން ލިބިގަތުމަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިނުންވެސް ސައިޑް އެފެކްޓް އައިސްދާނެ ކަމަށާއި ރާއްޖެއިން ގެންނާނީ އެގޮތުން އެންމެ ސައިޑް އެފެކްޓް މަދު ކަމަށް ޑަބްލިޔުއެޗްއޯއިން ލަފާދޭ ވެކްސިން ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފެށޭނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖެއަށް ގެންނަނީ ކޮން ވެކްސިނެއް ކަމެއް އަދި ނިންމާފައިނުވާ އިރު، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މީގެ ކުރިން ވިދާޅުވި ގޮތުގައި، ކޮވިޑާ ދެކޮޅަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ފޭސް ތިނެއްގެ ޓްރަޔަލްގައި ހުރި ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ދެ ވެކްސިނަކީ އެސްޓްރާޒެނެކާ ވެކްސިނާއި މޮޑާނާ ވެކްސިން އެވެ. އަދި އެއީ ރާއްޖޭގެ މާހައުލަށް ބަލައި ރާއްޖެއަށް ގެނައުމަށް އެންމެ އެކަށީގެންވާ ދެ ވެކްސިން ކަމަށާއި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީވެސް އެ ދެ ވެކްސިން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު