ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ހޯދަން ހުށަހެޅި ލިޔުން ބަލައިގަތްކަމުގެ ލިޔުން ލިބިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމާ ގުޅޭގޮތުން އެޗްއީއޯސީން މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީއަށް ރާއްޖެއިން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން އެ ފެސިލިޓީން ގަބޫލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ކޮވެކްސްއަށް ރާއްޖެއިން އެޕްލައިކޮށް، އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ހޯދުމަށް އަޅުގަނޑުމެން ތައްޔާރުކުރަން ޖެހޭ އެޕްލިކޭޝަން ތައްޔާރުކުރެވި، އެޕްލިކޭޝަން ގަބޫލުކުރިކަމުގެ ލިޔުން މިއަދު މިވަނީ އަޅުގަނޑުމެންނަށް ލިބިފައި،" ގައުމީ ވެކްސިން ޕްރޮގްރާމްގައި އެންމެ އިސްފަރާތުގެ ގޮތުގައި ހަމަޖައްސާފައިވާ ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެއަކީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައިވާ ގައުމެއް ކަމުން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންގެ ގަޔަށް ޖެހުމަށް ވެކްސިން ހިލޭ ލިބޭނެއެވެ. ކޮވެކްސް ފެސިލިޓީގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 171 ގައުމަކުން ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި ފައިސާވެރި 71 ގައުމު ވެސް ހިމެނެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެ ފެސިލިޓީ މެދުވެރިކޮށް ހިލޭ ވެކްސިން ލިބުމުގެ އިތުރުން ވެކްސިން ގަތުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އަދި އެހެން ގައުމުތަކާ ގުޅިގެން ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ތައްޔާރީތައް ވަމުން އަންނަނީ ބައިނަލްއަގްވާމީ ގޮތުން ތައްޔާރުކޮށްފައިވާ ގްލޯބަލް ފްރޭމްވޯކްގެ ދަށުން ކަމަށެވެ.
އެގޮތުން ވެކްސިން ގެނައުމާއި ވެކްސިން ގެނެސް ރައްކާކުރާނެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ވެކްސިން ޖަހާ މީހުންގެ މައުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ނެޝަނަލް ސްޓިއަރިން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކުރަމުން އަންނަ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭގެ އިތުރުން ގައުމީ ވެކްސިން ޕްރޮގްރާމަށް ލަފާ ދިނުމަށް ހާއްސަ ކޮމިޓީއަކާއި ވެކްސިން ޖަހައިގެން ކުރިމަތިވާ އަސަރުތައް ދިރާސާކޮށް ބައްލަވާ ކޮމިޓީއެއް އުފައްދާފައިވާއިރު ސިއްހީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާގެ ކަމާބެހޭ ދާއިރާތަކުން ވެކްސިން ދިނުމަށް ވާންޖެހޭ ތައްޔާރީތަކުގައި ބައިވެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު