އިންޑިއާއިން ވެކްސިން ދޭން ތައްޔާރުވާން ފަށާފައިވާ އިރު، އިސްކަންދޭ މީހުންގެ ލިސްޓުގައި މިހާތަނަށް 300 މިލިއަނަށްވުރެ ގިނަ މީހުން ހިމަނައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އެގައުމުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ކޮވިޑް ވެކްސިނަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިން ވަނީ ކޮވިޑް ވެކްސިންގެ ހުއްދައަކަށް އެދި އެގައުމުގެ ކަމާބެހޭ ފަރާތަށް ހުށަހަޅައިފައެވެ. މީގެކުރިން އެސްއައިއައި އަށް ވަނީ އެގައުމުގައި ކޮވިޑް ވެކްސިން މެނުފެކްޗާ ކުރުމުގެ ހުއްދަ ދީފައެވެ.

އިންޑިއާގެ ހެލްތުން ބުނީ ވެކްސިން ދިނުމުގައި އިސްކަން ދިނުމަށް ހަމަޖެހިފައިވާ މީހުންގެ ތެރޭގައި އެގައުމުގެ 10 މިލިއަނެއްހާ ހެލްތު ކެއާ ވޯކަރުންނާއި 20 މިލިއަން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހެއްގެ އިތުރުން ފުލުހުންނާއި މިލިޓަރީ ވެސް ހިމަނައިފައެވެ. އަދި އެގައުމުގެ 50 އަހަރުން މަތީގެ އިތުރުން ދިގު މުއްދަތަކަށް ބޭސްކުރާ 270 މިލިއަން މީހުން ވެސް ހިމެނެއެވެ.

އިންޑިއާއިން ވަނީ 1.4 ބިލިއަން އާބާދީގެ ތެރެއިން 300 މިލިއަން މީހުންނަށް އަންނަ އަހަރުގެ އޮގަސްޓްގެ ކުރިން ވެކްސިން ދީ ނިންމަން އަޒުމް ކަނޑައަޅައިފައެވެ.