މަސްވެރިކަމަކީ ދިވެހިންގެ ދިރިއުޅުމާ ގުޅި ލާމެހިފައިވާ ދިވެހިންގެ ލޭނާރެވެ. ކާބަފައިންގެ ޒަމާނުއްސުރެ މިއަދާ ހަމައަށް ދިވެހިން އެންމެ ގަދަރުކުރާ އެއް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތެވެ. ރިޔަލު ދޯނިފަހަރާއި ފަލި ދޯނިތައް އިންޖީނު ލީ ޒަމާނީ ދޯނިފަހަރަށް ބަދަލުވެ، ޒަމާނީ މަސްވެރިކަމަށް ދިވެހިން މިއަދު މިވަނީ ލޯ ހުޅުވިފައެވެ. ހޯރައާއި ކުރަންގަށް ބަލައި މަސް އައިނުތައް ހޯދުން ނިމުމަކަށް އަތުވެއްޖެއެވެ. މަސް އައިނު ހޯދަން މިއަދު ދުރުމީ އަޅާކަށް ނުޖެހެއެވެ. އެކި ޑިވައިސްތަކުގެ އެހީގައި ދޯނީގައި ތިބެގެން މަސް އައިނު ފަސޭހަކަމާއެކު މިއަދު ހޯދައިލެވެއެވެ.
ދިވެހިން މިއަދު ޒަމާނީ މަސްވެރިކަމެއް ކުރަމުން އަންނައިރު، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދިވެހި ކަނބަލުންގެ ދައުރު ވަކި ކުޑައެއް ނޫނެވެ. މާޒީގެ ސަފްހާތަކުން ފެންނަން އޮތް ގޮތުގައި މަސް ކެއްކުމުގެ އިތުރުން މަސްވެރިކަމުގައިވެސް ކަނބަލުން ހަރަކާތްތެރިވެފައި އެބަހުއްޓެވެ. ކަނބަލަކަށް ވުމަކީ މަސްވެރިކަން ކުރުމަށް އޮތް ހުރަހެއް ނޫންކަން އެ ކަނބަލުން އެއިރު ސާބިތުކޮށްދިނެވެ. އެ ދުވަސް މިއަދު މާޒީވެ، މަސްވެރިކަމަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި މިވަނީ ތަތްގަނޑު ޖެހިފައެވެ. ހާއްސަ ހަރަކާތެއްގައި ނުވަތަ މުނާސަބާއަކާ ގުޅުވައިގެން ނޫނީ މާކަނޑަށް މަސްބޭނުމަށްޓަކައި ކަނބަލުން ނުކުމެ އުޅޭ މަންޒަރެއް މިއަދަކު ނުފެނެއެވެ. އެގޮތަށް ނުކުތް ކަމުގައިވިޔަސް ލިބޭ ތަރުހީބު ކުޑައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން މިޖެހެނީ ކޮވިޑްގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށްވެސް އަސަރުކޮށްފައިވާ ދަތި ދުވަސްވަރެއްގައެވެ. މަސް ނުކިރި އެތައް މަސްވެރިންނެއް މާޔޫސްވެފައިވާ ދުވަސްވަރެއްގައެވެ. ނަމަވެސް މަސްވެރި ބައެއް ރަށްރަށުން މިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހަކީވެސް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރާ ދުވަހަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މަސްވެރި ރަށެއް ކަމުގައިވާ ނައިފަރުގެ ފިޝަމަންސް އެސޯސިއޭޝަން އާއި އެރަށުގެ ކައުންސިލާ ގުޅިގެން މިވަނީ މަސްވެރިންގެ ދުވަސް ދިވެހި ތާރީހުގައި ލިޔުމަށް ފައިކުރިއޮޅާލައިފައެވެ. މަސްވެރިންގެ ދުވަހަކީ މިއަދު ކަމުގައިވީނަމަވެސް އެ ދުވަހުގެ ހަރަކާތައް ފެއްްޓުމުގެ ގޮތުން ނައިފަރުގެ 80 ކަނބަލުން ވަނީ އެރަށުގެ ހަ މަސް ދޯންޏެއްގައި އިއްޔެ މަސްކަނޑަށް ނުކުމެފައެވެ.
އިއްޔެ ހަވީރު، 80 ކަނބަލުންނާއި އެކު އެރަށުގެ ދޯނިތައް މަހަށް ފުރިއިރު، ދޯނި ދުއްވުން ފިޔަވައި އެހެން ހުރިހާ ކަމެއްގައި މަސްއޫލުވެ އުޅޭނީ ކަނބަލުންނެވެ. އެންދެމުމާއި، ނަނގިލި ނެގުމާއި ދޮށި އެޅުމާއި މިހެންގޮސް މަސްބޭނުމުގެ ކުރިހާ ކަމެއްގައި މިފަހަރު މިއޮތީ ކަނބަލުންނަށް އެ ކަނބަލުންގެ ގާބިލުކަން ދައްކައިލުމުގެ ފުރުސަތު ލިބިފައެވެ.
"ވަން"އަށް މައުލޫމާތު ދެއްވަމުން ނައިފަރު ފިޝަމޭންސް އެސޯސިއޭޝަންގެ ރައީސް ފަރުހާދު މުހައްމަދު ވިދާޅުވީ، ކަނބަލުން މަހަށް ފޮނުވުމުގެ ހަރަކާތަކީ، ޒަމާނީ މަސްވެރިކަމުގެ އުކުޅުތަކާއި މަަސްވެރިކަން ކުރާ ގޮތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.
"މިއީ ހަމަ ޒަމާނީ މަސްވެރިކަން ކަނބަލުންނަށް ދަސްކޮށްދީ އަމަލީ ގޮތުން އެކަންކަން ކުރުމުގެ ފުރުސަތު ކަނބަލުންނަށް ހޯދައިދިނުމަށް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް. އުމުރުން 18 އަހަރުން ފެށިގެން 60 އަހަރާ ދެމެދުގެ އަންހެނުން މި ވަނީ މަހަށް ފުރާފައި. މަހަށް ގޮސް، މަސްވެރިން ކުރާ ހުރިހާ މަރުހަލާއެއްގެ ތަޖުރިބާ އެ މީހުން ކުރާނެ" ފަރުހަދު ބުންޏެވެ.
މުބާރާތެއްގެ ގޮތަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ބައިވެރިވާ މަސް ދޯނިތަކުން މިއަދު އިރުއޮއްސި 6:00 ގެ ކުރިން އެނބުރި ނައިފަރަށް ލަފަން ޖެހެއެވެ. އެ ދޯނިތަކުން ބާނާ މަސް ފެލިވަރަށް ކިރާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް ފެލިވަރަށް މަސްކިރުމުގެ ދަތިތަކެއް ހުރުމުން ދޯނިތަކުން ބާނާ މަސް އައިސްކޮށްފައި ބެއްޓުމަށް ވަނީ ނިންމައިފައެވެ. މުބާރާތުގެ އެންމެ ބަރު މަސް ބާނާ ތިން ދޯނި ހޮވައި އިނާމު ހަވާލު ކުރުންވެސް އޮންނާނެއެވެ.
"ފެލިވަރުގެ އިތުރުން އާންމު ވަރަށް ގިނަ ފަރުދުންވެސް އެބަހުރި އިނާމު ހަވާލުކޮށްފައި. ޕާރުސަލްތަކުގައި ހުރީމަ ސީދާ ދަންނަވަން ނޭނގޭ ކޮން އިނާމުތަކެއް ކަމެއް އެއީ" ފަރުހާދު ވިދާޅުވިއެވެ.
މި މަސްދަތުރުގައި ހިމެނޭ ކޮންމެ ދޯންޏެއްގައި ވެސް ފަސްޓްއެއިޑް ސާމާނު ވެސް ހުންނާނެއެވެ. އަދި ކޮންމެ ދޯންޏެއްގައިވެސް އޮބްޒާވަރަކާއި ފޮޓޯގްރާފަރެއްވެސް ހުންނާނެއެވެ. މަސް ދަތުރުގައި ބައިވެރިވާ ބައެއްް ދޯނިތަކުން މިހާރު ވަނީ ހާހަލުން އެންދަމައި މަސް ބޭނުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވެ ނިންމައިފައެވެ.
އަންހެނުންގެ މަސް ދަތުރުގެ ބައިވެރިވި އަންހެނުންގެ ޝަރަފުގައި މިރޭ ހާއްސަ ހަފްލާއެއްވެސް ނައިފަރު ބަނދަރު ސަރަހައްދުގައި ބާއްވާނެއެވެ. ބޮޑުބެރާއި ސަގާފީ ނެށުންތަކާއެކު ކުރިއަށް ގެންދަން ނިންމާފައިވާ އެ ހަފްލާގައި މަސް ދަތުރުގައި ބައިވެރިވި އަންހެނުންނަށް ހަނދާނީ ލިޔުން ދީ އަގުވަޒަން ކުރާނެއެވެ. ނައިފަރު ފިޝަމޭންސް އެސޯސިއޭޝަނުން ވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހު، އެރަށުގެ ބަނދަރުގައި އޮތް ހުރިހާ ދޯންޏަކަށް ޖާފަތް ގެންދިއުމަށްވެސް ނިންމައިފައެވެ.
ފަސްހާހަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ނައިފަރުގެ 60 އިންސައްތަ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެކެވެ. އެރަށުގައި މަސްވެރިކަން ކުރާ 23 ދޯނި އެބައޮތެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް