ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ލ. މުންޑޫ، ހީނާވިލާ، މުހައްމަދު ޝަނޫންގެ އަތާއި ސޯޓުން ލޭ ފެނުނު ކަމަށް ސިއްރު ހެކިވެރިޔަކު ކޯޓުގައި ހެކިބަސްދީފިއެވެ.

ޒިޔަދަމް މަރައިލި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވަނީ ޝަނޫން އާއި ލ. މުންޑޫ، ބީޗްވިލާ، އަލީ ސިފާމްގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އެ ހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެ ދެ މީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ. ޒިޔަދަމްގެ މަރާ ގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ސިއްރު ހެކިވެރިޔާ ބުނީ ޒިޔަދަމް މަރާލުމުގެ ކުރިން ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުން ހޫނު ޒުވާބެއް ހިނގި ކަމަށެވެ. އަދި ޒިޔަދަމް މަރާލާފައި އޮއްވައި ފެނުނީ އެ ޒުވާބަށްފަހު ކަމަށެވެ.

ޒިޔަދަމް މަރާލާފައި އޮއްވައި ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގޭގެ ތެރޭގައި ކަމަށާއި އޭނާ އޮތީ އައިސްއަލަމާރިއާ ދޮރާދޭތެރޭގައި ކަމަށެވެ. އޭނާ ފެނުނު އިރު މުޅި މީހާ އޮތީ ލެއިން ތަތްތެޅިފައި ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނިގޮތުގައި ޒިޔަދަމް އެގޭގެ ބަދިގެއިން ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރުވެސް އޭނާ އެތަނުގައި ހުރި ކަމަށާއި ސިއްހީ މަރުކަޒު ކައިރިން ޝަނޫނު ފެނުނު ކަމަށެވެ. އަދި އެނާ ލައިގެން ހުރި ސޯޓާއި އަތުގައި ލޭ ހުރިތަން ފެނުނު ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ ޒިޔަދަމް މަރާލާފައި އޮއްވައި ފެނުނު ގެއަށް ވަންނަން އޭނާ ދިޔައިރު އެތަނުން އަލީ ސިފާމް ފެނުނު ކަމަށެވެ. އަދި އޭނާ އެގެއިން ނުކުމެގެން ދިޔަ އިރު އަލީ ސިފާމް ލައިގެން ހުރީ އެންމެ ފުރަތަމަ ފެނުނު އިރު ލައިގެން ހުރި ހެދުމެއް ނޫން ކަމަށްވެސް ބުންޏެވެ.

ޒިޔަދަމަށް ހަމަލާ ދޭން ބޭނުންކޮށްފައި ވަނީ މަސްކަނޑަން ބޭނުން ކުރާ ދެ ވަޅިއެކެވެ. ބީޗް ވިލާ ގޭތެރެއިން ޒިޔަދަމަށް ފުރަތަމަ ހަމަލާ ދިނީ ފައިގެ ފަލަ މަސްގަނޑަށެވެ. ދެން ފައިގެ މައި ނާރު މަތިން ކުޑަކަޅުވާއަށެވެ. ޒިޔަދަމް ސަލާމަތްވާން ދުވެފައި ގޮސް ވަނީ ޖެހިގެން ހުރި ހުދުވިލާގޭ ބަދިގެއަށެވެ. އެގޭ ބަދިގެ ތެރެއަށް ވަދެ ކަރަށާއި ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލައިގެން އޭނާ މަރާލީއެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭރު ޑޮކްޓަރު ވަނީ ބުނެފައެވެ.