ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހޯދައިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްއާއި ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ މެންބަރުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ސަރުކާރާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގެ މި އަހަރުގެ ތިންވަނަ ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލުވުމުގައި އެންމެ ހާއްސަ އިސްކަމެއް ދީގެން މަޝްވަރާކުރީ، ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް، ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިއްހީ ގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވުމާއި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ހާލަތްތަކާއި މުވައްޒަފެއްގެ އާއިލާގެ މެންބަރަކަށް ކުރިމަތިވާ ސިއްހީ ހާލަތެއްގައި އެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކާ އެއްކިބާވާން ޖެހޭ ހާލަތްތަކުގައި އެ ފަދަ މުވައްޒަފުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މުސާރައާއި އިނާޔަތްތައް ލިބޭނެ ގޮތަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބޭ ދުވަހުގެ އަދަދު އިތުރުކޮށްދިނުމަށް ސިވިލް ސާވިސްގެ ގަވައިދަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ތެލެސީމިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާއި މުޖުތަމައުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބާކީވިޔަ ނުދީ، އެ ފަރާތްތަކަށް ވެސް ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި މި ބަދަލުތައް ގެނައުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވެސް ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގައި ސިވިލް ސާވިސް ކޮމިޝަނާއި ސިވިލް ސާވިސްގެ މުވައްޒަފުން އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމާއި، ސިވިލް ސާވިސްގެ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

ދިވެހި ސިވިލް ސާވިސްއަށް މިފަދަ ހެޔޮ ބަދަލުތަކެއް ގެނައުމާއި، ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކުރިމަތިވާ އެކިއެކި ދަތިތައް ހައްލުކޮށްދިނުމާއި، އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެކެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސިވިލް ސާވިސް ކޮމިޝަނާއި ސިވިލް ސާވިސްގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިވިލް ސަރވިސްގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ، އެ މަނިކުފާނު ވަނީ، ސިވިލް ސާވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމި ތިބުމަށް އެ ކޮމިޝަނުގެ މެންބަރުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.