ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ޑިރެކްޓަރު-ޖެނެރަލް ފަންތީގެ މަޝްވަރާތައް މާދަމާ ބާއްވަން ނިންމައިފި އެވެ.

ރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަރު-ޖެނެރަލް ފެންވަރުގައި މިދިޔަ ޖުލައި މަހު ވެސް މަޝްވަރާތައް ވަނީ ބާއްވައިފަ އެވެ. އެހެންކަމުން މާދަމާ ބާއްވާ މަޝްވަރާތަކަކީ މިއަހަރު ބައްވާ މީގެ ދެވަނަ މަޝްވަރާތަކެވެ.

މިފަހަރުގެ މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޗެންގް ސޮންގް އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނީ ދެގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ކޮވިޑް-19 އާގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ކަމަށެވެ.

އެގޮތުން ކޮވިޑުގެ ސަބަބުން ލިބިފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަގުވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ދެ ގައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑުން އަރައިގަތުމަށް މަސައްކަތް ކުރެވޭ މި ދަނޑިވަޅުގައި ތަރައްގީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އަދި ގައުމުގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި މިމަޝްވަރާތައް އިސް ދައުރެއް އަދާކުރާ ކަމަށް ބުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު، ޗައިނާއަކީ ކޮވިޑުގެ ހާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އަދި ކޮވިޑާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ގައުމަކީ ވެސް ޗައިނާ އެވެ.