މިދިޔަ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން 90،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 90,437 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 473،284 އަށް އަރައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މީގެ ކުރިން ވަނީ، މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ އަމާޒަށް ވާސިލްވުމަށް ކުރިއަށް އޮތް މިއޮތް 16 ވަރަކަށް ދުވަސް ތެރޭގައި ރާއްޖެއަށް 26،700 އަށްވުރެ ގިނަ ފަތުރުވެރިން އަންނަން ޖެހޭނެ އެވެ. އެއީ ދުވާލަކަށް 1666 މީހުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި 12،614 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް 2042 ފަތުރުވެރިންނެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8.5 ދުވަސް ހޭދަކުރާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 19،883 ފަތުރުވެރިން އައިސްފައިވާއިރު، ދެން އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއީ 12،615 އެވެ.