އަންނަ އަހަރު 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ކުރިއަރުވައި، އޭގެ މަންފާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"މި މަގުސަދު ހާސިލުކުރުމަށްޓަކައި، 2027 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔާ ގޮތުގައި ވަނީ ކަނޑައަޅާފައި. އެގޮތުން، އަންނަ އަހަރު ރާއްޖެއަށް ގާތްގަނޑަކަށް 2.28 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ އިރު، ވިޒިޓް މޯލްޑިވްސް އިޔާގެ ހަރަކާތްތައް މެދުވެރިކޮށް، އިތުރު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނެވި، ޖުމްލަ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ވަނީ ރޭވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އަމާޒަށް ވާސިލު ވެވޭނީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.
އެގޮތުން، ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަކޮށް، ފަތުރުވެރިކަމުގެ އޮފް-ޕީކް ސީޒަންގައި ވެސް ގިނަ ފަތުރުވެރިން ގެނައުމަށާއި ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ދައުލަތުގެ ބަޖެޓު 2027
ކޮމެންޓް