މީގެ ދެ އަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ހާލަތު އަދި ދިވެހި ގައުމު އޮތް ހާލަތު ރައްޔިތުން ހަނދާން ނުނެތޭ ކަމަށާއި އެ ދުވަސްތައް އަލުން ދެކެން ދިވެހި އެއްވެސް ރައްޔިތަކު ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފުލާގައި ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ވެސް މައިގަނޑު މަސައްކަތަކަށްވެފައި އޮތީ، ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުން ކަމަށެވެ. ނަމަވެސް މިއަދު އެ ސަގާފަތް މުޅިން ބަދަލުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ، މީގެ ދެ އަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ހާލަތު، އަދި ދިވެހި ގައުމު އޮތް ހާލަތުވެސް، ތިޔައިން އެއްވެސް ބޭފުޅަކު ހަނދުމަފުޅު ނުނެތޭނެ ކަމަށް. އަދި ތިޔައިން އެއްވެސް ނޫސްވެރިޔަކު، އަދި ދިވެހި އެއްވެސް ރައްޔިތަކުވެސް އެނބުރި އެދުވަސް ދެކެން ބޭނުންނުވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތީ ވަރަށް ވާދަވެރި ނޫސްވެރިކަމެއް ކަމަށާއި އަދި ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް ކަމަށެވެ. ކޮންމެ ނޫސްވެރިއެއްވެސް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައި ޒިންމާދާރުވުމަކީ އިވޭ ވާހަކަތަކުގެ ތެދު ދޮގު ކަށަވަރު ކުރުމަށްފަހު އަދި އެއީ މުޖުތަމައަށް ކޮންމެހެން އެނގެން ޖެހޭ ނުވަތަ މުޖުތަމައުގެ މަސްލަހަތާ ގުޅިފައިވާ ވާހަކައެއްކަން ކަށަވަރު ކުރުމަށް ފަހުގައި އާންމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ގަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު. ނޫސްވެރިން ފަތުރާ ހަބަރާއި މައުލޫމާތުން، މުޖުތަމައަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް، މިއީ ހަގީގަތުގައި ވަރަށް ބޮޑު ތެދެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެހެންކަމަށްވާނަމަ، ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ގައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ގަބޫލުކުރަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިޒަމާނުގެ ނޫސްވެރިކަމަކީ މުޖުތަމައުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށެވެ. އެހެންކަމުން ނޫސްވެރިޔާގެ އަތުން ނޫސްވެރިކަމުގެ ހަގީގީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމައަށް ލިބެން ޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ވިދާޅުވިއެވެ.

"ދައުލަތުގެ ކޮންމެ ބާރެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބަކީ ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތްކުރުން. ނޫސްވެރިކަމަކީ މިދެންނެވި ތިން ބާރުގެ މައްޗަށް ފާރަވެރިވެ ޒިންމާދާރުކުރުވައި، ދައުލަތުގެ ހަތަރު ވަނަ ބާރުކަމަށްވާނަމަ، ނޫސްވެރިންގެ ޒިންމާއަކަށްވާނީ، ގައުމުގެ ކޮންމެ ކަމެއްގައިވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން" ރައީސް ވިދާޅުވިއެވެ،

ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަކީ ވަރަށް ފުޅާ އަދި ޒިންމާވެސް ބޮޑު ދާއިރާއެއް ކަމަށެވެ. އެއިރަކު ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުމަކީވެސް ނޫސްވެރިންގެ ޒިންމާއެއް ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަތަކާއި ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ހައްލު ހޯދަންޖެހިފައިވާ އިޖުތިމާއީ ބޮޑެތި މައްސަލަތައް ކަމަށް ރައީސް ވިދާޅުވިއެވެ.