މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާ ބަލިކޮށް، ކްލަބު އީގަލްސްއިން އެފްއޭ މޯލްޑިވްސް ޝެރިޓީ ޝީލްޑް އުފުލާލައިފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު، ފަހަތުން އަރައި ތިން ގޯލު ޖަހައިގެން އީގަލްސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ވިކްޓޯ ކަސާއީ ރެފްރީކަން ކުރި މިރޭގެ މެޗުގެ އޮފިޝަލުންނަކީ ރާއްޖޭގެވެސް ލެެންޑްރީ ރެފްރީންނާއި ލައިންސްމަނުންނެވެ.

މިއީ އީގަލްސްއިން އެފްއޭ ޗެރިޓީ ޝީލްޑްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ދެ ގޯލު ޖަހައި، ހާފް ނިންމައިލީ 2-0ގެ ލީޑެއްގައެވެ. އެ ލީޑާއެކު މާޒިޔާއިން ހަމަޖެހިލާފައި ފަހު ހާފަށް ނުކުތް ނަމަވެސް، ގާތްގަނޑަކަށް ހަތް މިނެޓް ތެރޭގައި ނަތީޖާ އަނބުރާލައި އީގަލްސްއިން ފުރަތަމަ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރިއެވެ.

މެޗުގެ ކާމިޔާބީ ވެގެންދާނީ އީގަލްސްއަށް ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. މިރޭގެ މެޗަށް އެޓީމު ނުކުތީ ކްލަބާ މި ސީޒަނަށް ގުޅުނު އެއްވެސް ބޭރު ކުޅުންތެރިޔަކު ނުލައި، 100 ޕަސެންޓް ލޯކަލް ކުޅުންތެރިންގެ ސްކޮޑަކާއެކުގައެވެ. މިވަގުތު ރާއްޖޭގައި އެންމެ ވަރުގަދަ ސްކޮޑެއް އޮތް، މާޒިޔާއާ ދެކޮޅަށް އީގަލްސްއިން ނުކުތްއިރު، ގިނަ ބަޔަކު ލަފާކުރީ މާޒިޔާ ފަސޭހަކަމާއެކު މެޗު ކާމިޔާބުކުރާނެ ކަމަށެވެ.

މާޒިޔާގެ ސްކޮޑު ވަރުގަދަކަމާ، ވަރުގަދަ ރޫހެއްގައި ކުރިމަތިލައި އީގަލްސްއިން ޝީލްޑް އުފުލައިލި އިރު، މާޒިޔާއަކީ ޝީލްޑްގައި ރަނގަޅު ރެކޯޑެއްވެސް އޮތް ޓީމެކެވެ. މިހާތަނަށް ޖުމްލަ ފަސް ފަހަރު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ކުޅެ، އެޓީމު ވަނީ ތިން ފަހަރަށް ޝީލްޑް ކާމިޔާބުކޮށްފައެވެ.

މެޗު ފެށިގެން ދެވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގިއެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ހަމްޒާ މުހައްމަދު (ހަމްޕު) ހުރަސްކޮށްދިން ބޯޅަ، މާޒިޔާގެ ޕީޓާ ޕްލަނިޗް ބޮލުގައި ޖެހި ހުރަސް ވެގެން ދިޔުމުން ބޮލުން ގޯލަށް ވައްދާލީ ޑިފެންޑަރު އަލީ ސަމޫހެވެ. އެ ގޯލާއެކު މާޒިޔާއިން ފުރަތަމަ 10 މިނެޓް ޑޮމިނޭޓްކޮށް ކުޅެފައިވާއިރު، އެޓީމުން ލީޑު ފުޅާވެސް ކުރިއެވެ.

އޭރިއާ ތެރެއިން ހަމްޕުއަށް އީގަލްސްގެ ޒުވާން ގޯލްކީޕަރު މުހައްމަދު ސިނާހް ކުރި ފައުލަށް ރެފްރީ ވިކްޓޯ ކަސާއީ ޕެނެލްޓީ ދީފައިވާއިރު، އެ ޕެނެލްޓީ ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އެވެ. ދެވަނަ ހާފްގެ ފަހުކޮޅުގައިވެސް އީގަލްސްއިން މެޗަށް ވަދެ، މާޒިޔާ ހުއްޓުވިތަން ފެނިގެންދިޔައެވެ. މާޒިޔާގެ ޕާސްތަކަށްވުރެ ބޮޑަށް އީގަލްސްގެ ކުރިން ޖެހި ޕާސްތައް އެކުވިތަން ފެނިގެން ގޮސްފައިވެއެވެ.

ފުރަތަމަ ހާފް ނިންމާލި ޓެމްޕޯގައި އީގަލްސްއިން ދެވަނަ ހާފްވެސް ފަށާފައިވާ އިރު، ކުރިއަށް ކުޅެމުންދިޔަ އަހުމަދު ރިޒުވާން (ރިޒޭ)އާއި މުހައްމަދު ނާއިމްގެ ބާރު ދުވެލި ފާހަގަކުރެވުނެވެ. ބޮޑު އޮޕަރޭޝަކަށްފަހު ނާއިމް އަނެއްކާވެސް ދަނޑު މައްޗަށް އެނބުރި އައިސްފައިވާއިރު، އޭނާގެ ފަރާތުން މެޗުގައި ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ރިޒޭ އަރިމަތިން ހުރަސްކޮށްލި ބޯޅަ، އޭރިއާ ތެރޭގައި ހުހަށް އޮތް ޒާއިން ޒަފަރު ގޯލަށް ވައްދާލައި އީގަލްސްއަށް އުންމީދު އާކޮށްދިނެވެ. އަދި އެ ގޯލަށް ދެ މިނެޓް ފަހުން ރިޒޭގެ ޖާދުލާއެކު އަރިމަތިން ވަދެ ހުރަސްކޮށްދިން ބޯޅަ ނާއިމް ގޯލަށް ފޮނުވާލައި އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ދެވަނަ ގޯލާއެކު އީގަލްސްގެ ރޫހު އާވެ، އެޓީމުން މެޗު ޑޮމިނޭޓް ކުރިއެވެ.

މެޗުގެ އޮއިވަރު އީގަލްސް ކޮޅަށް އެނބުރި، 73 ވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. އޭރިއާ ތެރެއިން މާޒިޔާގެ ގޯލްކީޕަރު، އީގަލްސްގެ ރިހާމް އަބްދުލްޣަނީ (ބޮބީ)އަށް ކުރި ފައުލަށް ރެފްރީ ޕެނެލްޓީ ދީފައިވާ އިރު، އެ ޕެނެލްޓީ ކާމިޔާބުކޮށްދިނީ ރިޒޭއެވެ. މެޗުގައި ދެ އެސިސްޓް ހަދައި، ގޯލެއްވެސް ޖެހި ރިޒޭއަކީ އީގަލްސްގެ މޮޅު ކުޅުމުގެ މޭސްތެރިޔާއެވެ.

މިރޭގެ މެޗަށްފަހު އެފްއޭއެމްގެ ޗެރިޓީ ޝީލްޑް މެޗުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވާ އެޑޮވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)ގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސްއަށް ފައިސާ ހަވާލުކޮށްފައިވެއެވެ.

އެފްއޭއެމްއިން ކޮންމެ އަހަރެއްގެ ސީޒަން ފެށުމަށްވެސް ކުޅޭ ޗެރިޓީ މެޗުގައި ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ، ޕާޓްނަރުގެ ޖަމިއްޔާ ޖަމާއަތްތަކަށް އެހީގެ ގޮތުގައި ދެއެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް އެ މެޗުގެ ޕާޓްނަރުންގެ ގޮތުގައި ވަކި ހާއްސަ ޖަމިއްޔާތަކެއް އެފްއޭއެމްއިން އިއުލާން ކުރެއެވެ.