މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ހުރީ ކްލަބާ މެދު ހިތް ނުތަނަވަސްވެފައި ކަމަށާއި، ކްލަބު ދޫކޮށްލަން ޖެހޭ ކަމަށް އެޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.
ރައިއޯލާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެޖެންޓަށްވާއިރު، އޭނާގެ ފަރާތުން އެހާ ސީދަލަށް ޕޮގްބާގެ ހާލަތުގެ ވާހަކަ އައުން ވެގެން ދިޔައީ ސިހުމަކަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ރައިއޯލާގެ ވާހަކަތަކާއެކު ޕޮގްބާގެ ޔުނައިޓެޑް ކެރިއަރު ވަރަށް އަވަހަށް ނިމޭނެއެވެ. އަދި ރައިއޯލާ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވަނީ ޕޮގްބާއަށް އިތުރު ކްލަބެއް ހޯދުމަށްފަހުގައި ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
"ޕައުލް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި. އަސްލު ކުޅުމެއް ނުދެއްކޭ. އުންމީދުކުރާ ފަދައިން ޕޮގްބާގެ ފަރާތުން ފައިދާއެއްވެސް ނުވޭ. ޔުނައިޓެޑް ދޫކޮށް އެހެން ޓީމަކަށް ދާން ޖެހޭ. އެއީ މާހައުލު ބަދަލުކޮށްލަން. އެއްބަސްވުމުގައި ބާކީ ދޮޅު އަހަރު އޮތް ނަމަވެސް އަހަންނަށް ފެންނަ ގޮތުގައި ޕޮގްބާއަށް އޮތް އެންމެ މޮޅު ގޮތަކީ، ދެ ފަރާތުން އެއްބަސްވެ، އަންނަ ޓްރާންސްފާ ސީޒަންގައި އެހެން ކްލަބަކަށް ވިއްކާލުން،" އެޖެންޓް ރައިއޯލާ ބުނެފައިވެއެވެ.
ޔުނައިޓެޑާއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު ޖޫން މަހަށެވެ. އެހެން ނަމަވެސް އޭގެ ކުރިން ކްލަބު ދޫކޮށްލަން އުޅޭ ކަމަށް ޕޮގްބާގެ ފަރާތުންވެސް ވަނީ އިޝާރާތްތައް ކޮށްފައެވެ. 89 މިިލިއަން ޕައުންޑްގެ ރެކޯޑު އަގަކަށް 2016 ވަނަ އަހަރު ޔުނައިޓެޑަށް ދިޔަ ޕޮގްބާ، ވަރަށްފަހުންވެސް ފްރާންސަށް ކުޅުނު މެޗަކަށްފަހު ބުނެފައި ވަނީ ހުވަފެނަކީ އަބަދުވެސް ރެއާލް މެޑްރިޑަށް ކުޅުން ކަމަށެވެ.
ޕޮގްބާގެ ކުޅުން ވަރަށް ދަށްކޮށް ފާހަގަކުރެވިފައިވާއިރު، މި ސީޒަންގައިވެސް ގިނަ މެޗުތަކެއް ކުޅެފައެއް ނުވެއެވެ. މިދިޔަ ސީޒަންގައިވެސް އެންމެ 22 މެޗު ކުޅުނު ޕޮގްބާ އެ ސީޒަންގެ ބޮޑު ބައެއްގައި އުޅެން ޖެހުނީ އަނިޔާގައެވެ.
ރައިއޯލާ ބުނެފައި ވަނީ ދުރުދުރުން ގޮސް، އެހެން ވާހަކަތަކެއް ދެއްކުމަކީ ބޭކާރު ކަމެއް ކަމަށާއި، ސީދާ ސީދަލަށް ބުނަން ބޭނުން ވަނީ ޕޮގްބާއަށް ޔުނައިޓެޑްގެ ކެރިއަރު ނިމިފައިވާ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު