ވެރިން ޖަލަށްލުމުގެ ސަގާފަތަށް ނިމުމެއް އަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ޕީއެސްއެމް އިން ކުރިއަށްގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިރޭ ބައިވެރިވެވަަޑައިގެން އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރެވޭނީ ކޮންއިރަކުންތޯ، އާންމު ރައްޔިތަކު ސުވާލުކުރުމުން ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކޮށްފައި ތިބި މީހުންނާ މެދު އަމަލުކުރަން ޖެހޭ ގޮތްތަކެއް ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައިގައި ދެރަފުޅުވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ވެރިން ޖަލަށްލުމުގެ ސަގާފަތް ނިނުމަކަށް އަންނަން ޖެހޭ ކަމަށާއި އެ ސަގާފަތަށް ނިމުމެއް ގެނައުމަށް އެމަނިކުފާނުގެ ވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ 30 އަހަަރުގެ ވެރިކަމަކީ ދިވެހިން ފިއްކަނޑައިގެންދާ ވަރުގެ އަނިޔާވެރި އަަދި ހުދުމުހުތާރު 30 އަހަރު ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ނުލެއްވީ، ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ދުވަސްކޮޅަކު ހެޔޮ ވެރިކަމެއް ކުރެވުނު. ނަމަވެސް އަޅުގަނޑުގެ ނައިބަކަށް ހުރި ބޭފުޅާ ވެރިކަން ކުރަން ފަށައިފި. އެބޭފުޅާވެސް އަޅުގަނޑު ގެންގޮސް ޖަލަށްލައިފި. ދެން އަޅުގަނޑު އަދި ނޫޅެން އަޅުގަނޑުގެ ނައިބު ރައީސަކު ޖަލަށް ލާކަށް. އެއަށްފަހު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ރައީސް ޔާމީންވެސް މަސައްކަތް ކުރެއްވީ އަނެއްކާ އަޅުގަނޑު ގެންގޮސް ޖަލަށް ލާން. އަޅުގަނޑުގެ ވާހަކައަކީ މިކަން މިގޮތަށް ހިނގާހާ ދުވަހަކު ހުއްޓުމެއް ގެނެވޭކަށެއް ނެތޭ. އަޅުގަނޑު އެދެނީ ހުއްްޓުމެއް ގެންނަން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވެރިން ޖަލަށްލުމަކީ ރައްޔިތުން އެހާ ގަޔާވާ ކަމެއް ނޫން ކަމަށެވެ. އެގޮތުން އަބަދުވެސް ކޮންމެވެސް އެއްބަޔަކު އެކަމާ ނުރުހޭނެ ކަމަށް ވިދާޅުވިއެވެ.

ވެރިން ޖަލަށްލުމުގެ ސަގާފަތަށް ނިމުމެއް އަންނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލިއެވެ. ރައީސް ނަޝީދު ޖަލަށްލީ ކްރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ބަންދުގައި ބެހެއްޓި މައްސަލައިގައެވެ. އޭގެ ފަހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ލަންކާގައި ދިރިއުޅުއްވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވުމުން، އެ އަހަރުގެ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން ރިވިއުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެކަމާ މެދު އެ ކޯޓުން ވަކިގޮތެއް ނިންމަންދެން ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުނުކުރުމަށް ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުއްވާފައިވަނިކޮށެވެ. އެހެންކަމުން އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިނިވަނެއްގެ ގޮތުގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދުގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނޭހެން ސިޔާސީ ގިނަ ފަރާތްތަކެއް ޖަލަށްލިއެވެ.