ސިޔާސީ ހަރަކާތް ހިންގުމަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްނުދޭ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސިވިލް ކޯޓަށް މައްސަލައެއް ވައްދަން ނިންމައިފިއެވެ.
ކޮވިޑްގެ ހާލަތުގައިވެސް ސަރުކާރުން އަތޮޅުތެރެޔަށް އެކި ނަންނަމުގައި ގޮސް ސިޔާސީ ހަރަކާތް ހިންގާ ކަމުގެ ކަންބޮޑުވުން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އާ ހިއްސާކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެޗްޕީއޭގެ ބޭފުޅުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ.
އެގޮތުން ސަރުކާރުން އެޗްޕީއޭ ބޭނުންކުރަނީ ސިޔާސީ ހަރަކާތް ހިންގުމަށް ގޮނޑި ކޮއްކޮއެއްގެ ގޮތުގައި ކަމަށް ސުޖާއު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް ދޭހަވެގެން މިދިޔައީ މުޅި އެޗްޕީއޭ މިއޮތީ ވަރަށް ބޮޑަށް ފެޑަޕް ވެފައި، މާޔޫސްވެފައި. މި ސަރުކާރުން އަޅުގަނޑުމެންނަށް ދޭހަވީ އެޗްޕީއޭއަށް ގޮންޖަހާފައި ކަންކަން ކުރާ ތަން." ސުޖާއު ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ ސަރުކާރުން އަތޮޅުތެރެއަށް ދަނީ އެޗްޕީއޭގެ ހާއްސަ ހުއްދައަކާއެކުގައި ކަމަށް ވިދާޅުވާ އިރު، އެއްވެސް ފަރާތަކަށް ހާއްސަ ހުއްދައެއް ނުދޭ ކަމަށާއި ހުރިހާ އެންމެންނަށްވެސް ހަމަހަމަ އުސޫލަކުން ހުއްދަތައް ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނި ކަމަށެވެ. ހުއްދަތައް ދިން ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ނުކުރާތީ އެކަމުގެ ކަންބޮޑުވުން އެޗްޕީއޭއިން ފާޅުކޮށްފައިވާ ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ސުޖާއު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ހަރަކާތް ހިންގުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބެން ޖެހޭނެ ކަމަށާއި އެހެންކަމުން ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލަ ކޯޓަށް ވެއްދުމަށް ކޯލިޝަންގެ ލީގަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހަމަހަމަކަން ގެއްލޭ މައްސަލަ ކޯޓަށް ލުމުގެ މަސައްކަތް އަޅުގަނޑުމެންގެ ލީގަލް ޓީމުން އެބަ ކުރިއަށް ގެންދަން" ސުޖާއު ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ، އިދިކޮޅުންވެސް ތިބީ އަތޮޅުތެރެއަށް ގޮސް ކެމްޕޭންކުރުމަށް ކެތްމަދުވެފައި ކަމަށެވެ. މިއަދު އެޗްޕީއޭއާއެކުގައި ބޭއްވި ބައްދަލުވުމުގައިވެސް އެކަމުގެ ކަންބޮޑުވުން ހިއްސާކުރުމުން ދާން ބޭނުންވާ ރަށްރަށާއި ތާރީހުތައް އެނގޭ ގޮތަށް ލިޔުމަކުން އެންގުމަށް އެޗްޕީއޭއިން އެދިފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއަދު އެ ލިޔުންތައް އެޗްޕީއޭއަށް ހުށަހަޅާނެ ކަމަށާއި އުންމީދަކީ މި ހަފްތާގެ ތެރޭގައި އެކަމަށް ޖަވާބެއް ލިބުން ކަމަށެވެ.
އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ހުޅުވާލައިފައިވާ އިރު، ކެމްޕޭން ކުރުމަށް އަތޮޅުތެރެއަށް ނުދެވޭކަމުގެ ކަންބޮޑުވުން އިދިކޮޅުން ދަނީ ފާޅުކުރަމުންނެވެ. އިދިކޮޅުން ބުނާ ގޮތުގައި ސަރުކާރުގެ އިސް ބޭފުޅުންނަށް ހާއްސަ ހުއްދައަކާއެކު އަތޮޅުތެރެއަށް ދެވޭ ބީދައިން އިދިކޮޅަށްވެސް އެ ފުރުސަތު ލިބެން ޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު