ޚަބަރު

ގަސްތުގައި ކަރަންޓު ބިލު ބޮޑުކުރާ ކަމަށް ވިދާޅުވެ، މުޣުނީ ވަގުތުން މަގާމުން ދުރުކުރަން ގޮވާލައިފި

އިބްރާހިމް ޒަކީ

ސަރުކާރު ބަދުނާމު ކުރުމަށްޓަކައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ، ގަސްތުގައި ކަރަންޓް ބިލު ބޮޑުކުރައްވާ ކަމަށް ވިދާޅުވެ، އޭނާ ވަގުތުން ވަގުތަށް މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމު ވިދާޅުވީ، ކަރަންޓިގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު ވައުދެއް ކަމަށާއި، ނަމަވެސް ސަރުކާރުގެ އަގު ވައްޓައިލުމަށްޓަކައި ސްޓެލްކޯގެ އެމްޑީ މުޣުނީ ކަރަންޓުބިލު ގަސްތުގައި ބޮޑުކޮށް ގޭގެއަށް ފޮނުވަމުން ގެންދާ ކަމަށެވެ.

"ބިލު އެބަފޮނުވާ 2000 ރުފިޔާ އަރާގެއަކަށް 4000 ރުފިޔާ، މީ ގަސްތުގައި ކުރާކަމެއް، ފަހުން ސުވާލުކޮށް މައްސަލަ ޖެހުނީމައި ބުނަނީ އެއީ ޓައިޕިން މިސްޓޭކެކޭ، ނޫނީ ސިސްޓަމްގެ މިސްޓޭކެކޭ، ނޫނީ ކޮންޕިއުޓަރުގެ މިސްޓޭކެކޭ، ކޮންމެ މަހަކު ކޮމްޕިއުޓަރުގެ މިސްޓޭކު ދިމާވާ ކަމަށްވަންޏާ ރައްޔިތުން މަޑުމަޑުމަޑުން ނުތިބޭނެ، އެހެނވީމާ އަޅުގަނޑު މިގޮވާލަނީ މިއަދުން މިއަދަށް ސްޓެލްކޯގެ އެމްޑީ ވަކިކުރަން،" މެންބަރު ހަލީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޣުނީ ސަރުކާރަށް އެގޮތަށް ޖެއްސުން ކުރަނީ އެއީ ސަރުކާރު ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މީހަކަށްވާތީ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުން ނުހަނު ދަތި ހާލުގައި ތިބި މި ދަނޑިވަޅުުގައި، އެތައް ބަޔަކު ވަޒީފާއިން ވަކި ކުރުމަށްވެސް މުޣުނީ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސްޓެލްކޯއިން ފުލެޓް ދިނނުމުގައިވެސް މުޣުނީ ބޭނުންވާ ފަރާތްތައް ފުލެޓަށް ސިޓީލައި ހަމަ ވުމުން ޑައުންތް ޕޭމަންތް ދައްކަން ނުޖެހޭގޮތަށް ހަދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސްޓެލްކޯގެ ފުލެޓްދޭ އުސޫލު ހަދާފައި އޮތީ ކޮންމެ މީހަކަށްވެސް ލިބޭނެ ގޮތަށް، ނަމަވެސް ޑައުންޓްޕޭމަންޓް ބޮޑުކަމުން ނުދެއްކޭމީހުން ތިބީ ކުރިމަތި ނުލައި ފައިސާނެތިގެ، މުޣުނީ ބޭނުންވާ މީހުންނަށް ސިޓީ ލެވުނީމައި، އުސޫލު ބަދަލުވީ، ޑައުންޓް ޕޭމަންޓް ނުދޭގޮތަށް، ކިހާ ބައެއްގެ ހައްގެއްތޯ ގެއްލިގެން އެ ދިޔައީ،" މެންބަރު ހަލިމު ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ވިދާޅުވީ، ސްޓެލްކޯގެ އެމްޑީ މިހާރުން މިހާރަށް ބަދަލު ކުރަން ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ސްޓެލްކޯގެ އެމްޑީ އެން މިނެޓަކަށްވެސް އެންމެ ދުވަހަކަށްވެސް އަޅުގަނޑު ބޭނުމެއްނޫން ސްޓެލްކޯގަ ހުންނާކަށް މި ސަރުކާރު ކިލަނބު ކުރުވާކަށް،" މެންބަރު ވިދާޅުވިއެވެ.