ދ. މީދޫ ޔަންގް ސްޓާ ސްޕޯޓްސް ކްލަބުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ކުޑަކުދިންގެ ފުޓުބޯޅަ މުބާރާތް ކަމަށްވާ 16 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް އިއްޔެ ވަނީ ފެށިގެން ގޮސްފައެވެ. ތިން ޓީމާއެކު ކުރިއަށްގެންދާ އެ މުބާރާތުގެ ފުރަތަމަ މެޗު އިއްޔެ ކުޅެފައިވާ އިރު، ބައްދަލުކުރީ އަލްފާ އެފްސީއާއި ބްލޫ ލަޔަންސް އެފްސީއެވެ.
އެ މެޗު 10-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ބްލޫ ލަޔަންސް އެފްސީއެވެ. މުބާރާތް ފެށުމަށް އިއްޔެ ބޭއްވި ފެށުމުގެ ރަސްމިއްޔާތުން ތަފާތު ކަމެއް ފާހަގަވެގެން ދިޔައެވެ. އެއީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެވެ. މުބާރާތުގެ ޝަރަފުވެރި މެހެމާނަކީ، ލޮލުގެ ފެނުމަށް ބޮޑެތި އަސަރުތަކެއްކޮށް، ހާއްސަ އެހީއަށް ބޭނުންވެފައިވާ އިސްމާއީލް އިބްރާހީމެވެ.
ދ. މީދޫ، ނޫވިލާގޭ އިސްމާއީލް އިބްރާހީމަށް އަބަދުވެސް ފުޓުބޯޅަ ހާއްސައެވެ. ކުޅިވަރަށް އިންތިހާއަށް ލޯބިކޮށް، ކުރިން ފުޓުބޯޅަ ކުޅެވެސް އުޅުނު އިސްމާއީލް އިބްރާހީމަށް ފުޓުބޯޅަ ހާއްސަވީ އޭނާ އެ ކުޅިވަރަށް ދޭ ލޯތްބެއްގެ ބޮޑުކަމުންނެވެ. ދަނޑު މައްޗަށް އަރައި ދެއްކި ކުޅުން، ލޮލަށް ދިމާވި ނާރުގެ މައްސަލައެއްގެ ސަބަބުން މިހާރު ނުދެއްކުމަކީ އިސްމާއީލް އިބްރާހީމަށް ލިބޭ ހިތްދަތި ކަމެކެވެ. އެ ހިތްދަތިކަމަށް ލުއިއެއް ގެނެސްދިނުމަށް ޔަންގް ސްޓާ ސްޕޯޓްސްއިން ދިން ފުރުސަތަކީ އިސްމާއީލް އިބްރާހީމަށް ހާއްސަ ފުރުސަތެކެވެ.
"ކުރިން ވަރަށް ގަދައަށް ކުޅެ އުޅުނިން. އެކަމަކު ނާރުތަކުގެ ބާރު ދަށްވުމުގެ ސަބަބުން ފެނުން ގެއްލެން ފެށީ. ފުރަތަމަ ފެނުން ގެއްލުނީ އެއް ލޮލުގެ. ދެން އަނެއް ލޮލަށްވެސް ވަރަށް ކުޑަކޮށް، ވަރަށް ވަރަށް ފުސްކޮށް ފެންނަނީ. އެއް ލޮލުގެ ފެނުން ގެއްލުނު ހިސާބުން ފުޓުބޯޅަ ކުޅެން ދިއުން ހުއްޓައިލަން ޖެހިއްޖެ. އެއީ ވަރަށް ދެރަވި ވަގުތެއް. ދެން މެޗުތައް ބަލަން، ކަންކަން ކުރަން ކުޑަކޮށް ހަރަކާތްތެރިވަނީ،" އިސްމާއީލް އިބްރާހީމް "ވަން"އަށް ކިޔައިދިނެވެ.
އިސްމާއީލް އިބްރާހީމަކީ ނިއު ރޭޑިއަންޓްގެ "ހާޑްކޯ" ސަޕޯޓަރެކެވެ. މީދޫގެ ކޮންމެ ތަނެއްގައި ފުޓުބޯޅަ ކުޅުނު ނަމަވެސް އިސްމާއީލް އިބްރާހީމް އެތަނަށް ދާނެއެވެ. އެއީ ޔަންގް ސްޓާ ސްޕޯޓްސްއަށް އިސްމާއީލް އިބްރާހީމަށް މުބާރާތުގެ ޝަރުވެރިކަމުގެ މަގާމު ދޭން ޖެހުނު ސަބަބެވެ.
"ވަރަށް އުފާވޭ މިގޮތަށް ބައިވެރިވުމަށް ފުރުސަތެއް ލިބުނީތީ. މިއީ ބާކީ ނުވާ ކަމުގެ އިހުސާސް ގެނެސްދޭ ކަމެއް. މި ފުރުސަތަށް މުބާރާތުގެ ހިންގާ ކޮމިޓީއާއި ޔަންގް ސްޓާ ސްޕޯޓްސް ކްލަބު ޖަމިއްޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ އެހެން ހުރިހާ ތަނެއްގައިވެސް ކުރަން ޖެހެނޭ ކަމެއް. ބައިވެރިކުރުން އެއީ އެންމެ މުހިއްމު ކަންކަން ކުޅިވަރުގައި،" އިސްމާއީލް އިބްރާހީމް ބުންޏެވެ.
މީދޫ ޔަންގް ސްޓާ ސްޕޯޓްސްގެ ރައީސް އިބްރާހީމް އަފްރާހް ކުރިން ވިދާޅުވެފައިވަނީ މުބާރާތުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި ކުދިންތަކެއް ފުޓުބޯޅައިގެ މައިދާނަށް ނެރުމުގެ އިތުރުން ކުޑަކުދިންނަށް ފުޓުބޯޅައާއި ކުޅިވަރުގެ ތެރެއިން ރަނގަޅު އަހުލާގެއް ދަސްކޮށްދިނުން ކަމަށެވެ. އަދި ކްލަބުގެ އުންމީދަކީ މެދުކެނޑުމެއް ނެތި މުބާރާތް ކުރިއަށް ގެންދިއުން ކަމަށްވެސް އަފްރާހް ވަނީ ފާހަގަކުރައްވައިފައެވެ.
އަފްރާހާއި މީދޫ ޔަންގް ސްޓާ ސްޕޯޓްސްގެ ޓީމުން ދެއްކީ ނަމޫނާއެކެވެ. ބައިވެރިކުރުމަކީ ކުޅިވަރު މުބާރާތްތަކުގެ މުހިއްމު ކަމެވެ. ހާއްސަ އެހީއަށް ބޭނުންވެ، ދަނޑުމަތީގައި ނުކުޅެވުމަކީ ބާކީވެ، އެކަހެރިވާން ޖެހޭ ސަބަބެއް ނޫންކަން ދައްކައިދިނުމަކީ މިސާލަކަށް ނަގަން ޖެހޭނެ މުހިއްމު ކަމެކެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް