މިދިޔަ ދެތިން ސީޒަނެއްގައި ޔާގަން ކްލޮޕާއެކު ލިވަޕޫލް ހޯދި ބޮޑެތި ކާމިޔާބީތަކުގައި އެންމެ މުހިއްމު ރޯލެއް އަދާކޮށްފައިވަނީ ސްޕޯޓަރުންނެވެ. ލިވަޕޫލްގެ ސަޕޯޓަރުންނަކީ މުޅި ޔޫރަޕްގައިވެސް ފާހަގަކޮށްލެވޭ ސަޕޯޓަރުންނެވެ. ހާއްސަކޮށް ސްޓޭޑިއަމްގެ ކޮޕް އެންޑްއަކީ ލިވަޕޫލްގެ އެންމެ ވަރުގަދަ ސްޕޯޓަރުންގެ ސްޓޭންޑެވެ. ބޮޑެތި މެޗުތަކުގައި ކޮޕް އެންޑްގެ އަޑު ބާރުކޮށް އިވިގެންދާނެއެވެ. އިދިކޮޅު ޓީމުގެ ހިތްވަރު އެލުވައިލަން ޖެހޭ ވަރަށް ސްޕޯޓް ކުރަމުންދާނެއެވެ.

ކޯވިޑް 19 އާއި ގުޅިގެން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހިފައި ގިނަ ދުވަސްތަކެއް އޮތުމަށްފަހު، މި ހަފްތާއަކީ ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ސަޕޯޓަރުން ވަންނަން ހުއްދަ ދިން ހަފްތާއެވެ. ރޭ ލިވަޕޫލްގެ ކޮޕް އެންޑުންވެސް 2000 އެއްހާ ސަޕޯޓަރުން ފެނިފައިވާއިރު، އެ ތަފާތު، ކުޅުމުންވެސް ފެނިގެން ހިނގައްޖެއެވެ. ވުލްވްސް ކޮޅަށް ހަތަރު ގޯލް ޖަހައި، މެޗު 4-0ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބު ކޮށްފައިވާއިރު، ކޮންމެ ގޯލަކާއެކު ކްލޮޕްގެ އެންމެ ބޮޑު އެންމެ ބޮޑަށް ފޯކަސް ކުރީ ސަޕޯޓަރުންނަށެވެ.

މުހައްމަދު ސަލާހްގެ އިތުރުން ޖީނީ ވައިނާލްޑަމްއާއި ޖޮއެލް މަޓިޕް އަދި ނެލްސަން ސަމެޑޯ އަތުން ވަން ބައި ގޯލަކާއެކު ލިވަޕޫލުން ވުލްސް ބޮޑުތަނުން ބަލިކޮށް، ސަޕޯޓަރުން އެދުނު "ޗެމްޕިނުން" ދައްކައިލިއެވެ. މެޗުގެ ކުރިން ލިވަޕޫލްގެ ސަޕޯޓަރުން ޗޭންޖް ކޮށްފައި ވަނީ "ބްރިން އޮން ދަ ޗެމްޕިއަންސް" މިހެންނެވެ. އެ އަޑާއެކު ކްލޮޕް ފެނުނީ އަބަދުހެން ހެވިލާފައި ހުރިތަނެވެ.

"ސަޕޯޓަރުންނަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން. ސަޕޯޓަރުންގެ އަޑު ކެނޑުމުން ފުޓުބޯޅަ މާޔޫސްވެގެން ދިޔަ. ސަޕޯޓަރުންނާއެކު މޮޅު ފާހަގަކޮށްލެވުނީމަ ވަރަށް އުފާވި،" މެޗަށްފަހު ކްލޮޕް ބުނެފައިވެއެވެ.

މެޗަށްފަހު ކްލޮޕް ފުރަތަމަވެސް ދިޔައީ ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށެވެ. ސަޕޯޓަރުންގެ ފަރާތުން ޗެމްޕިއަނުންނަށް ބާރު އަޑާއެކު އަތްތިލަބަޑީގެ ތަރުހީބެއް ދީފައިވާއިރު، އެ މަންޒަރު ފުޓުބޯޅައަށް ބޭނުންވާ ކަމުގެ އިހުސާސް ކުރެވުނެވެ. އެ މަންޒަރު ނުފެނި އެތައް ދުވަހެއް ވުމުން، އެ މަންޒަރުގެ ފޮނިކަން ބައެއް ފަހަރު ހަނދާނުންވެސް ކައްސާލާފައިވެއެވެ.

ލިވަޕޫލުން ރޭ ހޯދި ތިން ޕޮއިންޓާއެކު އެޓީމު ތާވަލުގެ ދެވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ޓޮޓެންހަމްއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމްއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ. އަނިޔާގެ އެތައް މައްސަލަތަކާއެކުވެސް ލިވަޕޫލުން ތަށި ދިފާއުކުރުމަށް ބޮޑު ހިތްވަރެއް ކުރަމުން އަންނައިރު، އެޓީމަކީ އަދިވެސް ފެވަރިޓެކެވެ.