އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާއި އާސެނަލް ވާދަކުރި ލަންޑަން ޑާބީގެ މެޗު ޓޮޓެންހަމް ކާމިޔާބު ކޮށްފިއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. ގޯލް ޖަހައި މެޗުގައި ތަފާތު ދެއްކީ ދެކުނު ކޮރެއާގެ ތަރި ހިއުން މިއުން ސޮންއާއި އިނގިރޭސި ކެޕްޓަން ހެރީ ކޭންއެވެ. މިހާތަނަށް ސީޒަންގައި ކުޅުނު ހުރިހާ މެޗެއްގައިވެސް ޓޮޓެންހަމްގެ އެންމެ ބޮޑު ކާމިޔާބަކަށް ވެފައި އޮތީ އެ ދެކުޅުންތެރިންގެ ގުޅުމެވެ. ދަނޑު މަތީގައި އެ ދެކުޅުންތެރިން ފަރާތުން ވަރަށް ބޮޑަށް އެކުވެގެން ގޯލްތައް ޖެހިތަން ފެނިފައިވެއެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ޓޮޓެންހަމްއިން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ ސޮންއެވެ. ސޮންގެ ގޯލަކީ ކޭންގެ ޕާހަކަށް އަރިމަތިން ކުރިއަށް ޖެހި، އެތެރެއަށް ނައްޓައިލުމަށްފަހު، އޭރިއާ ބޭރުން ގޯލުގެ ކަނަށް އަމާޒުކޮށްލި ހަމަލާއާއެކެވެ. އެ ގޯލް ހުއްޓުވުމަށް ގޯލްކީޕަރަށް ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތެވެ. ސޮންގެ ބޯޅަ އަނބުރާލީ ސީދާ ގޯލްގެ ކަނަށެވެ.
އާސެނަލްއިން ބޯޅަ ހިފަހައްޓައިގެން ގިނަ ޕާސްތަކެއް ޖެހި ނަމަވެސް އެކަމުން ކޯޗު ޖޯސޭ މޮރީނިއޯގެ ޓޮޓެންހަމްއަށް މާޔޫސްކަމެއް ކުރިމައްޗެއް ނުވިއެވެ. މޮރީނިއޯގެ ސްޓައިލްގައި މަޑުކޮށްލައިގެން ޑިފެންސްކޮށް، ހާފް ނިމުމުގެ ކުރިން ޓޮޓެންހަމްއިން ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ. ސޮންގެ ބޯޅައަކަށް، ޑިފެންޑަރު ކައިިރިން ދެމިގަނެ، ކޭން ނިންމާލި ބޯޅަ ހިތްގައިމެވެ. އެ ގޯލާއެކު ކޭން ވަނީ ނޯތު ލަންޑަން ޑާބީގައި ޖެހި ގޯލްގެ އަދަދު 11 އަށް އުފުލައިލައިފައެވެ. ރޭގެ ގޯލަކީ ކޭންގެ ކެރިއަރުގައި ޖެހި 250 ވަނަ ގޯލެވެ.
އުމުރުން 28 އަހަރުގެ ކޭންއާއި 27 އަހަރުގެ ސޮންގެ ކޮންބިނޭޝަން ވަނީ ތާރީހީ ހިސާބެއްގައެވެ. މިހާތަނަށް 31 ގޯލް އެ ދެކުޅުންތެރިން ގުޅިގެން ޖަހާފައިވާއިރު، ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ކޮމްބިނޭޝަނެއްގެ ރެކޯޑު އޮތީ ކުރިން ޗެލްސީއަށް ކުޅުނު، މިހާރު ކްލަބުގެ ކޯޗު ފްރޭންކް ލެމްޕާޑާއި ޑީޑިއާ ޑްރޮގްބާއާ ދެކުޅުންތެރިން އަތުގައެވެ. އެ ދެކުޅުންތެރިން އެކުވެގެން 36 ގޯލް ޖަހާފައި އޮތްއިރު، އެ ރެކޯޑު މުގުރާލުމަށް ސޮންއާ ކޭންއަށް މާ ގިނަ ދުވަސްތަކެއް ނަގާނެ ކަމަކަށް ނުބެލެވެއެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު ޓޮޓެންހަމް އަނެއްކާވެސް އެއްވަނައަށް ޖެހިލާފައިވާއިރު، އެޓީމަށް 11 މެޗުން 24 ޕޮއިންޓް ލިބިފައި ވެއެވެ. ދެވަނައިގައި އޮތް ލިވަޕޫލް ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފައި އޮތްއިރު، އެޓީމަށްވެސް 11 މެޗުން 24 ޕޮއިންޓް ލިބިފައި ވެއެވެ. ތިންވަނައިގައި ޗެލްސީ އޮތީ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ.
އާސެނަލްއިން ލީގު ތާވަލުގެ 15 ވަނައިގައި އޮތްއިރު، އެޓީމަށް 11 މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. އެއީ މިދިޔަ 40 އަކަށް އަހަރު ތެރޭގައިވެސް އާސެނަލްއަށް ލީގުގައި އެންމެ ދަށް ފެށުމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު