ޓޫރިޒަމް މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އެއް ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމު ހުސްވީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އެ މަގާމަށް އައްޔަން ކުރެއްވި އައިޝަތު ސޫޒަން ހަނީފު މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ސޫޒަން މަގާމުން އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބެލުމަށާއި އެ ކޮމިޝަންގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި ހިންގި ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީ ގޮތުން ބަލަން ޖެހޭ މައްސަލަތައް ބަލައި ނިމެންދެން ސޫޒަން ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމު ހުސްވުމުން އެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފުރަތަމަ އިއުލާންކުރީ މިދިޔަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. ނަމަވެސް ސީއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކުރިން ކުރި އިއުލާނަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުން މަދުކަމަށްވާތީ، އެ މަގާމަށް ޝައުގުވެރިވާ މީހުން ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާ ކަމަށެވެ. އަދި ކުރިން އެ މަގާމަށް ކުރިމަތިލައި ޝަރުތު ހަމަވި މީހުން އެކަމަށް އިޖާބަދޭން ބޭނުންވާ ނަމަ، ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ކުރީގެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތައް އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށާއި އެ އިއުލާނުގެ މުއްދަތުގެ ތެރޭގައި އިތުރު ލިޔުމެއް ހުށަހަޅަން ބޭނުންވެއްޖެނަމަ، އެ ލިޔުމެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އެ މާގަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ނުވަތަ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާންޖެހެ އެވެ.

މި މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެއެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، މިމަހުގެ 14 ވަނަ ދުވަސްވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ މަގާމަށް ކުރިމަތިލާން ޖެހެ އެވެ. އަދި އިންޓަވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިހާނު ކުރުން އޮންނާނީ 17 ޑިސެމްބަރުން 29 ޑިސެމްބަރާ ދެމެދު މާލޭގައި ކަމަށް ބުނެފައިވެ އެވެ.