މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ހިނގާ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1،517،249 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 1،432،572 ފަތުރުވެރިންނާ އަޅާބަލާއިރު ކުރިއެރުމެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1،574،478 ފަތުރުވެރިންނާ އަޅާބަލާއިރު މިއީ 3.6 ޕަސަންޓުގެ ދަށްވުމެކެވެ.

މި އަހަރު ފަތުރުވެރިން އައި ނިސްބަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމެވެ.

މި މަހުގެ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 14 އާ ހަމައަށް 64،992 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 66،561 ފަތުރުވެރިންނެވެ.

މާކެޓްތަކަށް ބަލާއިރު، ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓުގެ މަގާމު އަދިވެސް ދަމަހައްޓަމުން އަންނަނީ ޗައިނާއެވެ. އެގޮތުން ޗައިނާއިން މިހާތަނަށް 279،410 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައިގައި އޮތް ރަޝިއާއިން 218،445 ފަތުރުވެރިން އައިއިރު، 114،986 ފަތުރުވެރިންނާއެކު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ބޮޑު ޕަސަންޓެއް ދަތުރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެއީ 1،484،424 ފަތުރުވެރިންނެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް 5،259 ފަތުރުވެރިން އަދި ސީޕޯޓުތައް މެދުވެރިކޮށް ކަނޑުމަގުން 15،583 ފަތުރުވެރިން ރާއްޖެއަށް އެތެރެވިއެވެ.

ފަތުރުވެރިންގެ އެކޮމޮޑޭޝަނަށް ބަލާއިރު، އެންމެ ގިނަ މީހުން ހިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އެގޮތުން 1،094،394 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައި 328،978 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

އަދި ހޮޓެލްތަކުގައި 34،422 ފަތުރުވެރިން ވަނީ މަޑުކޮށްފައއެވެ.