ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޓުއާ ގައިޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި އަންހެނަކަށް ދީފިއެވެ.

މި ތާރީހީ ކާމިޔާބީ ހާސިލުކުރި ސ. ފޭދޫ، ކަންމަތީގެ، އާއިޝަތު ޝީނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުންނާއި، މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި މިއަދު ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ ޝީނާއާ ބައްދަލުކުރައްވައި، ސަރުކާރުގެ ނަމުގައި މަރުހަބާ ވިދާޅުވެ، ރަސްމީ ޓުއާ ގައިޑް ފާސް ހަވާލުކޮށްދެއްވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މާލެއަށާއި އެކިއެކި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖެއާ ބެހޭގޮތުންނާއި އަދި އެ ޒިޔާރަތްކުރާ ރަށަކާ ބެހޭ ގޮތުން ތާރީހީ، ސަގާފީ މައުލޫމާތުދީ އަދި އެރަށަކުން ލިބެން ހުންނަ އެންމެހާ އާންމު މައުލޫމާތާއި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ޓުއާގައިޑުންނަކީ މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެކެވެ.

ރައީސް ޑރ. މުހައްމަދު މުއުއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި، އިގުތިސާދީ ގޮތުންނާއި ފަންނީގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، މިފަދަ ދާއިރާތަކުން ދިވެހި އަންހެނުން ކުރިއަރައިގެން ދިއުމަކީ ސަރުކާރުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށާއި މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން އަންހެނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.