ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ މެދު އުމުރުގެ މީހުންކަން ގައުމީ ޔުނިވާސިޓީން ހެދި އެންޓިބޮޑީ ސާވޭއިން ދައްކައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ރަހީމާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ 38،000 އެއްހާ މީހުންގެ ގައިން އެންޓިބޮޑީސް ފެނިފައިވާ ކަމަށެވެ. އެންޓިބޮޑީ ހުރިކަމަށް ދައްކަނީ ކުރިން ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވުމުންނެވެ.

ޑރ. ރަހީމާ ވިދާޅުވީ، ކޮވިޑްގެ އެންޓިބޮޑީ ތިން މަސް ދުވަހާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ހަޑިގަނޑުގައި ހުންނަ ކަމަށެވެ. އެގޮތުން އެންމެ ގިނައިން އެންޓިބޮޑީސް ފެނިފައިވަނީ މެދު (35 އަހަރާއި 59 އަހަރާ) އުމުރުގެ މީހުންގެ ގައިން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދިރާސާއިން ދެއްކި ގޮތުގައި މެދު އުމުރުފުރާގެ ބޭފުޅުންގެ އެންމެ އެންޓިބޮޑީސް، ކޮވިޑަށް ހުށަހެޅިފައިވާ (ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވެފައިވާ) މީހުން އެންމެ ގިނައިން ތިބީ މެދު އުމުރުފުރާގައި ކަމަށް މި ދައްކަނީ،" ޑރ. ރަހީމާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ރަހީމާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 10 އިންސައްތަ މީހުންގެ ގައިގައި އެންޓިބޮޑީސް ހުންނަ ކަމަށް ދިރާސާއިން ދެއްކި ކަމަށެވެ.

ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެންޓިބޮޑީ ސާވޭގައި އެކިއެކި އުމުރުފުރާއިން 4،000 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ.