އާބާދީގެ ދިހަ ޕަސަންޓް މީހުންނަށް ވަނީ ނޭނގި ކޮވިޑް ޖެހި ރަނގަޅުވެފައިވާކަން އެންޓިބޮޑީ ދިރާސާއިން ދައްކާ ކަމަށް ގައުމީ ޔުނިވާސިޓީގެ ޑިރެކްޓަރު އޮފް ރިސާޗް ޑރ. ރަހީމާ އަބްދުލްރަހީމް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓިބޮޑީ ދިރާސާގެ ނަތީޖާތައް ކިޔައިދެއްވަމުން ޑރ. ރަހީމާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 38،000 އެއްހާ މީހުންގެ ގައިން އެންޓިބޮޑީސް ފެނިފައިވާ ކަމަށެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 13.4 އިންސައްތަ މީހުންނެވެ.
އެންޓިބޮޑީ ހުރިކަމަށް ދައްކަނީ ކުރިން ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވުމުންނެވެ.
ޑރ. ރަހީމާ ވިދާޅުވީ، ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވެފައިވާ މީހުންގެ ތެރެއިން 57.9 މީހުންގެ ގައިން އެންޓިބޮޑީސް ފެނިފައިވާ ކަމަށާއި 42 އިންސައްތަ މީހުންގެ ގައިގައި އެންޓިބޮޑީސް ހުންނަން ޖެހޭ މިންވަރަށް ނެތް ކަމަށެވެ. އަދި ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާ މީހުންގެ ތެރެއިން 10 އިންސައްތަ މީހުންގެ ގައިން އެންޓިބޮޑީސް ފެނިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާ މީހުންގެ ތެރެއިން ނުވަތަ ކޮވިޑް ޖެހިފައިވާކަން އެނގިފައި ނުވާ މީހުންގެ ތެރެއިން ދިހަ ޕަސަންޓް މީހުން އެންޓިބޮޑީސް ހުރި ކަމަށް އެބަ ދައްކާ. މީގެ މާނައަކީ ނޭނގި، އާބާދީގެ 10 ޕަސަންޓް މީހުން ކޮވިޑަށް ހުށަހެޅިފައިވެއޭ،" ޑރ. ރަހީމާ ވިދާޅުވިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ދައްކާ ގޮތުގައި މާލޭގެ އާބާދީއަކީ، 227،429 މީހުންނެވެ. އެހެންކަމުން ދިރާސާއިން ދައްކާ ގޮތުންނަމަ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 22،742 މީހަކަށް ވާނީ ނޭނގި ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވެފައެވެ.
އެންޓި ބޮޑީ ދިރާސާއިން ދައްކާ ގޮތުގައި ކޮވިޑް ޖެހުމަށް ފަހު ތިން މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ހަށިގަނޑުގައި އެންޓިބޮޑީސް ހުރެއެވެ. އަދި ދުވަސްވީ ވަރަކަށް އެންޓިބޮޑީސް މަދުވާ ކަމަށްވެސް ދިރާސާއިން ދެއްކިއެވެ.
ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެންޓިބޮޑީ ސާވޭގައި އެކިއެކި އުމުރުފުރާއިން 4،000 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު