މާލޭ ސަރައްހަދުގައި ދިރިއުޅޭ ކޮންމެ ތިން ބިދޭސީއަކުން އެކަކު އަދި ކޮންމެ 11 ދިވެއްސަކުން އެކަކަށް ކޮވިޑް ޖެހިފައިވާކަން އެންޓިބޮޑީ ދިރާސާއިން ދައްކާ ކަމަށް ގައުމީ ޔުނިވާސިޓީގެ ޑިރެކްޓަރު އޮފް ރިސާޗް ޑރ. ރަހީމާ އަބްދުލްރަހީމް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓިބޮޑީ ދިރާސާގެ ނަތީޖާތައް ކިޔައިދެއްވަމުން ޑރ. ރަހީމާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ 38،000 އެއްހާ މީހުންގެ ގައިން އެންޓިބޮޑީސް ފެނިފައިވާ ކަމަށެވެ. އެންޓިބޮޑީ ހުރިކަމަށް ދައްކަނީ ކުރިން ކޮވިޑް ޖެހުމަށް ފަހު ރަނގަޅުވުމުންނެވެ.

ޑރ. ރަހީމާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ ދިވެހިންނަށް ވުރެ ގިނައިން ބިދޭސީންގެ ގައިން އެންޓިބޮޑީސް ފެނިފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ 36.4 އިންސައްތަ މީހުންގެ ގައިން އެންޓިބޮޑީ ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅެނީ 19،485 ބިދޭސީންނެވެ. އެހެންކަމުން ދިރާސާއިން ދައްކާ ގޮތުގައި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 7092 އެއްހާ މީހުންނަށް ކޮވިޑް ޖެހުމަށް ފަހު ވަނީ ރަނގަޅުވެފައެވެ.

"ކޮންމެ ތިން ބިދޭސީއަކުން އެކަކުގެ ގައިގައި އެންޓިބޮޑީސް ހުރޭ. އަދި ދިވެހިންގެ ތެރެއިން ކޮންމެ 11 ދިވެއްސަކުން އެކަކުގެ ގައިގައި އެންޓިބޮޑީސް ހުރޭ" ޑރ. ރަހީމާ ވިދާޅުވިއެވެ.

ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެންޓިބޮޑީ ސާވޭގައި އެކިއެކި އުމުރުފުރާއިން 4،000 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ. އޭގެ ތެރެއިން އެންޓިބޮޑީސް އެންމެ ގިނައިން ހުރިކަމަށް ދިރާސާއިން ދައްކަނީ މެދު އުމުރު (35 އަހަރާއި 59 އަހަރާ) ދެމެދުގެ މީހުންގެ ގައިންނެވެ.