މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރިކަމަށް ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އިންކާރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު)ގެ މަސްލަހަތު އޮންނަ އެ ކުންފުނިން ދައުވާއަށް އިންކާރު ކޮށްފައިވަނީ، އެކުންފުނިން މަނީލޯންޑާ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތުގައި، ދައުލަތުން އުފުލާފައިވާ ދައުވާގައި މިއަދު ކްރިމިނަލް ކޯޓިގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައެވެ.
މި އަޑުއެހުމުގައި އެ ކުންފުނީގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ، ދައުލަތުން އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދައުވާއެއް ނޫން ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ ފައިސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް، ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާކަމަށާއި ލާރި މާރުކުރުމުގެ ނަމުގައި ފައިސާގެ މުއާމަލާތް ހިންގާފައިވާކަމަށް، ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނާއިރު އެކަން ކަނޑައަޅާނީ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ނުވަތަ ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭއިން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ރ. ފުއްގިރި މައްސަލާގައި ދައުވާ އުފުލާފައިވާ އިތުރު ފަރާތްތައް ހިމެނޭއިރު، ރައީސް ޔާމީންވެސް ހިމެނޭ ކަމަށެވެ. ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާއާ ގުޅިގެން، އެއީ ކޮރަޕްޝަނުގެ ގޮތުގައި ހޯދި ފައިސާކަން ކޮންމެހެން ޝަރީއަތުން ސާބިތުވެފައި އޮންނަން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރ. ފުއްގިިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު، މި މައްސަލައާ ގުޅިގެން ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އެކަންޏެވެ.
ސަން އިންވެސްޓްމަންޓް ކުންފުނިން ދައުވާއަށް އިންކާރު ކުރުމާއެކު، މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދެއްްވައިފައެވެ.
ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއ، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީނަށް ފައިސާ ފޯރުކޮށްދީފައިވާކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް