އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ޗެލްސީން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

2000 ސަޕޯޓަރުންނާއެކު ސްޓެންފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. ކޯވިޑް 19 އާއި ގުޅިގެން ޕްރިމިއާ ލީގު މެޗުތަކަށް ސަޕޯޓަރުން ވެއްދުން މެދުކަނޑާލިތާ ނުވަ ވަރަކަށް މަސް ފަހުން ރޭގެ މެޗުތަކުން ސަޕޯޓަރުން ފެނިފައިވެއެވެ. ޗެލްސީގެ ދަނޑަށް ވަން ސަޕޯޓަރުންގެ އަޑުވެސް ފާހަގަކޮށްލެވުނީ ގަދަކޮށެވެ. ހާއްސަކޮށް މެޗަށްފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ހިތްހަމަ ޖެހުމާއެކު، ސަޕޯޓަރުންނަށް ހޫނު އަތްތިލަބަޑިއެއް ދީފައެވެ.

ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ޗެލްސީއަށް 11 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް އެއްވަނައިގައި ދެމި އޮވެވޭނީ ލިވަޕޫލާއި ޓޮޓެންހަމް ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ޓޮޓެންހަމްއާއި ލިވަޕޫލުން މިހާތަނަށް 10 މެޗު ކުޅެގެން 21 ޕޮއިންޓް ހޯދާފައި އޮތްއިރު، ޓޮޓެންހަމް ދެވަނައިގައި އޮތީ ލިވަޕޫލަށްވުރެ ފައިދާ ގޯލް ގިނަވުމުންނެވެ. ޓޮޓެންހަމްއިން އާސެނަލްއާ ދެކޮޅަށް މިރޭ ނުކުންނައިރު، އެ މެޗުން މޮޅުވެ އަނެއްކާވެސް އެއްވަނައަށް ޖެހިލެވެން އެބައޮތެވެ. ލިވަޕޫލުން މި ހަފްތާގައި ކުޅޭނީ ވުލްވްސްއާ ދެކޮޅަށެވެ.

ޗެލްސީން ރޭގެ މެޗު ވަރުގަދަކޮށް ފެށި ނަމަވެސް، ފުރަތަމަ ގޯލް ވަނީ އެޓީމު ކޮޅަށެވެ. ފަސް މިނެޓް ތެރޭގައި ލީޑްސްއިން ލީޑު ނެގީ ޗެލްސީއަށް ފަސް އަހަރު ކުޅުމަށްފަހު ކްލަބު ބަދަލުކުރި ޕެޓްރިކް ބެމްފޯޑުގެ ގޯލަކުންނެވެ. ޒުވާން އުމުރު ފަސް އަހަރު ޗެލްސީގައި ހޭދަކުރި ބެމްފޯޑު އެ ކްލަބު ދޫކޮށް ގޮސްފައި ވަނީ ސީނިއާ މެޗެއް ނުކުޅެއެވެ.

ޗެލްސީން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ފުރަތަމަ ހާފްގެ ކުރީކޮޅުގައި ޓީމޯ ވާނާގެ ފަރާތުން ފަސޭހަ ފުރުސަތެއް ނަގައިލިތަން ފެނިފައިވެއެވެ. ގޯލް ރޮނގުމަތިން ހުސްކޮށް ކަހަލަ ގޮތަކަށް ވާނާއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ޖެހުނީ މަތީ ދަނޑީގައެވެ.

ރޭގެ މެޗަށް ޗެލްސީގެ ފޯވަޑް ލައިނަށް ނުކުތީ މިދިޔަ ހަފްތާގައި ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ހަތަރު ގޯލް ޖެހި އޮލިވިއާ ޖިރޫއެވެ. ޖިރޫއަށް ގޯލް ހުޅުވައިލުމަށް ރޭގެ މެޗުގައިވެސް މާގިނައިރެއް ނުނެގިއެވެ. މެޗުގެ 27 ވަނަ މިނެޓުގައި އަރިމަތިން ރީސް ޖޭމްސް ނަގައިދިން ހިތްގައިމު ހުރަސް ގޯލަށް ވައްދާލައި ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖިރޫއެވެ.

ދެވަނަ ހާފަށް ނުކުމެ ޗެލްސީ ފެނުނީ ވަރުގަދަ ކޮށެވެ. އެހެން ނަމަވެސް ލީޑްސްއިން ކައުންޓާ އެޓޭކްގައި އުފައްދާ ހަމަލާތަކާއެކު މެޗު ފޯރިގަދަކޮށް ފެނިފައިވާއިރު، ޗެލްސީން މެޗުގެ ނަތީޖާ އަނބުރައިލީ 60 ވަނަ މިނެޓުގައެވެ. މޭސަން މައުންޓްގެ ކޯނަރު ބޮލުން ގޯލަށް ވައްދައިލީ މި ސީޒަންގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ފްރާންސް ޑިފެންޑަރު ކާޓް ޒޫމާއެވެ.

ޗެލްސީން މެޗުގެ ކޮންޓްރޯލް ނަގައި ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އަރިމަތިން ވާނާގެ ބާރު ދުވެއްޔާއެކު ލީޑްސް ޑިިފެންސް ބީޓްކޮށްލުމަށްފަހު، އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ނިންމައިލީ ކްރިސްޓިއަން ޕުލިސިޗެވެ.