މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގައި ރޭ ފުލްހަމްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީގެ ގޯލްތައް ޖަހައިދިނީ ރަހީމް ސްޓާލިންނާއި ކެވިން ޑިބްރޭނާއެވެ. ޑިބްރޭނާގެ ގޯލަކީ އެޓީމަށް ލިބުނު ޕެނެލްޓީއަކުން ޖެހި ގޯލެކެވެ. ސިޓީން ދަށްކޮށް މިފަހަރުގެ ލީގު ފެށި ނަމަވެސް، އެންމެފަހުން ކުޅުނު ދެމެޗުގައިވެސް ކްލީންޝީޓް ދަމަހައްޓައި، ގޯލްތަކެއްވެސް ޖަހާފައިވެއެވެ.
ރޭގެ މެޗުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ފަރާތުން ތަފާތު ކަމެއްވެސް ފެނިގެން ގޮސްފައިވެއެވެ. އާންމުކޮށް ޓީމުތަކުން ފަސް ބަދަލު ނުކުރެވޭތީ ކަންބޮޑުވުން ފާޅުކުރާތަން ފެނިފައިވަނިކޮށް، ރޭގެ މެޗުގައި ގާޑިއޯލާ އެންމެ ބަދަލެއްވެސް ކޮށްފައެއް ނުވެއެވެ. އެއީ 2005 ވަނަ އަހަރަށްފަހު ޓީމަކުން ބަދަލެއް ނުކޮށް މެޗެއް ނިންމާލި ފުރަތަމަ ފަހަރެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައި ވަނީ މި ސީޒަންގެ ލީގު ތަށްޓަށް ވާދަވެރިކަން ބޮޑުވާނެ ކަމަށާއި، ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކަށްވެސް ކޮންމެ ޓީމެއްވެސް ބަލިކުރެވިދާނެ ކަމަށެވެ. ގާޑިއޯލާ އިތުރަށް ފާހަގަކުރީ އޭނާގެ ޓީމުން ގިނަ ފުރުސަތުތަކެއް ނަގައިލި ވާހަކައެވެ. ގާޑިއޯލާ ބުނެފައި ވަނީ މޮޅެއް ހޯދި ނަމަވެސް ހިތްހަމަ ޖެހުމެއް ނެތް ކަމަށާއި، ފުރުސަތުތައް ބޭކާރު ކުރުމަކީ އުނދަގޫތަކާ ކުރިމަތިވާ ކަމެއް ކަމަށެވެ.
ރޭގެ މެޗުން މޮޅުވެ، ސިޓީ އޮތީ އިނގިރޭސި ލީގު ތާވަލުގެ ފަސްވަނައިގައެވެ. 10 މެޗުން 18 ޕޮއިންޓާއެކު އެޓީމު އޮތްއިރު، އެއްވަނައިގައި މިވަގުތު އޮތް ޗެލްސީއަށް 11 މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ. ޓޮޓެންހަމް ދެވަނައިގައި އޮތްއިރު، އެޓީމަށް ލިބިފައި ވަނީ ތިންވަނައިގައި އޮތް ލިވަޕޫލަށްވެސް ލިބިފައިވާ ވަރު ކަމަށްވާ، 10 މެޗުން 21 ޕޮއިންޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު