މުނިފޫހިފިލުވުން

ރަޖްނީކާންތު ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައި އެކަން އިއުލާނުކޮށްފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ރަޖްނީ ކާންތު އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ރަޖްނީ ކާންތު އޭނާގެ އަމިއްލަ ސިޔާސީ ޕާޓީ އުފައްދަން ނިންމާފައި ވަނީ އަންނަ އަހަރު އެވެ.

ސޯޝިއަލް މީޑިއާގައި ދާދި ފަހުން ރަޖްނީކާންތު އާންމުކުރި ބަޔާނަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، ކޮރަޕްޝަނާއި ފަސާދަ ނުހިމެނޭ ނިޒާމަކަށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށާއި ދެފުށް ފެންނަ ނިޒާމަކަށް ގޮސް، ދީނީ ބައިބައިވުން ފަދަ ކަންކަން ނައްތައިލުމަށް މަސައްކަތް ކުރާނެ ކަމަށް ރަޖްނީކާންތު ބުނެފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީ އުފައްދައި، ގާނޫނޫ ހަދާ މަޖިލީހުގެ ގޮނޑިތައް ވެސް ކާމިޔާބު ކުރެވޭނެ ކަމަށް ރަޖްނީ ކާންތު ބުނެފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

"ޕާޓީ އުފެއްދުން ރަސްމީކޮށް އިއުލާނުކުރާނީ މި މަހުގެ 31 ގައި. އަންނަ އަންނަ މަހުގެ ތެރޭގައި ޕާޓީ އިފްތިތާހު ކުރެވޭނެ." ތަޖްނީކާންތު ސޯޝިއަލް މީޑިއާގައި ބުނެފައި ވެއެވެ.

އިންޑިއާގެ ކަރްނާޓަކާގެ ބެންގަލޫރަށް އުފަން ރަޖްނީ ކާންތު ވަނީ ބޮލީވުޑްގައި ވެސް މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ އިތުރުން ކަރްނާޓަކާ އާއި ޓަމިލްނާޑޫގައި ވެސް އޭނާއަކީ ވަރަށް މަގުބޫލު ޝަހުސިއްޔަތެކެވެ.