ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.
އެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ.
ލ. ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށުން ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށުމަކީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެންދިއުމަށް އިތުރުކުރެވުނު މުހިންމު ހިދުމަތެއް ކަމަށެވެ.
އޭގެ އިތުރުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީއަށް އިތުރުކުރި ކޮޓަރިތައް ބޭނުންކުރަން ތައްޔާރުވެފައިވާ އިރު، ޑިޖިޓަލް އެކްސްރޭ އާއި މެމޯގްރާމާއި ދަތުގެ ފަރުވާ އަދި ފިޒިއޮތެރަޕީއަށް ބޭނުންވާ ސާމާނާއި ލެބޯޓަރީ ސާމާނު ވެސް ހޮސްޕިޓަލަށް ގެނެސްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ މެޝިންތައް އިންސްޓޯލްކޮށް ވަރަށް އަވަހަށް ހިދުމަތް ދެވެން ފަށާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށި ތިންވަނަ ހޮސްޕިޓަލް ކަމަށެވެ. އަދި އެތަނުގައި ގާއިމުކޮށްފައިވާ ސީޓީ ސްކޭން މެޝިނަކީ އައިޖީއެމްއެޗްގައި ހުންނަ ފެންވަރުގެ ސްކޭން މެޝިނެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސީޓީ ސްކޭންގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ވެސް ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެބަތިބި ކަމަށާއި އެހެންކަމުން އަވަސް ފުރުސަތެއްގައި ފުރިހަމަ ހިދުމަތްތަކެއް އެ ހޮސްޕިޓަލުން ލިބިގެންދާނެ ކަމަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން އަތޮޅުތެރޭގައި ދެން ސީޓީ ސްކޭންގެ ހިދުމަތް ދެމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު