ދިވެހި ފުލުހުންގެ ހުވަޔަށް ބަދަލު ގެންނަން ހުށަހަޅައިފިއެވެ.
ފުލުހުންގެ ހުވަޔަށް ބަދަލު ގެންނަން ހުށަހަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައެވެ.
އެ ބިލުގައި މިހާރު ފުލުހުން ކުރަމުން އަންނަ ހުވައި ބަދަލުކޮށް، "އަހުރެން އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އެ ގާނޫނު އަސާސީން ބާރު ލިބިދޭ ގާނޫނުތައް ނެގެހެއްޓުމަށާއި، ދާހިލީ ހަމަޖެހުން ދެމެހެއްޓުމަށާއި، އިންސާނީ ހައްގުތައް ރައްކާތްތެރި ކުރުމަށާއި، އަމަން އަމާންކަން ގާއިމުކުރުމަށާއި، ދިވެހި ދައުލަތާއި ރައްޔިތުންނާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައި ކުރަމެވެ،" ކަމަށް އާ ހުވައިގެ ގޮތުގައި ބިލުުގައި ވަނީ ހިމަނައިފައެވެ.
މިހާރު ފުލުހުންގެ ހުވައިގައި އޮންނަނީ، "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ގައުމުގެ އަމަންއަމާން ކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓައި، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ހިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރިހުރެ، މާތްالله ގަންދީ ހުވާކުރަމެވެ،" ކަމަށެވެ.
މި ހުވަޔަކީ 2008 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ފުލުހުންގެ ގާނޫނުގެ ޖަދުވަލުގައި ހިމަނާފައިވާ ހުވަޔެވެ.
ކޮމިޓީން މަޖިލީހުގެ ތަޅުމަށް މިހާރު ފޮނުވާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ފުލުހުންގެ ގާނޫނު އުވިގެންދާނެ ކަމަށެވެ.
މިހާރު މަޖިލީހުގައި އޮތް ބިލުން ފުލުހުންގެ މަސައްކަތްތަކަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅައިފައެވެ. އެގޮތުން ފުލުހުންނަށް ބައެއް ބާރުތައް ދިނުމުގެ އިތުރުން ފުލުހުންގެ ނަން "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުކުރަން، ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު