އަންނަ އަހަރު ނިމޭއިރު ހުޅުމާލޭގެ އާބާދީ އެއް ލައްކައަށްވުރެ އިތުރުވާނެ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންދާޒާކޮށްފިއެވެ.
ހުޅުމާލޭގައި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ހިމަނައިގެން އެޗްޑީސީން ނެރެފައިވާ ޑޮކިއުމެންޓުގައިވާ ގޮތުން މިހާރު ހުޅުމާލޭގައި 98,744 މީހުން ދިރިއުޅެއެވެ. އަދި އަންނަ އަހަރު ނިމޭއިރު މި އަދަދު 112,040 އަށް އަރާނެ ކަމަށް ބުނެފައިވެއެވެ.
ޑޮކިއުމެންޓުގައިވާ ގޮތުން 2023 ވަނަ އަހަރު ނިމޭއިރު ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ 129،560 އަށް އިތުރުވާނެއެވެ.
ހުޅުމާލޭގެ އާބާދީ އަންނަ އަހަރު ލައްކައަކަށް ވުރެ މަތިވާނެ ކަމަށް އަންދާޒާ ކޮށްފައިވާ އިރު، ހުޅުމާލެ ފޭސް ދޭއްގައި މިހާރު ވަނީ މީހުން އާބާދުވެފައެވެ. އަދި އެތަނުގައި އިމާރާތްކޮށްފައިވާ "ހިޔާ ފެލްޓް"ތަކަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ބޮޑު އާބާދީއެއް ޖަމާވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 557،426 މީހުންނެވެ. އެއީ 201،277 އަންހެނުންނާއި 356،149 ފިރިހެނުންނެވެ. އާބާދީގެ 40.8 ޕަސެންޓް މީހުން ދިރިއުޅެނީ ވެރިރަށް މާލޭގައެވެ. އެއީ 227،485 މީހުންނެވެ. އެހެންކަމުން 2023 ވަނަ އަހަރު ނިމޭއިރު މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދު އާބާދީގެ ނިސްބަތުން 80 އިންސައްތައަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިމަނާފައިވާ އިރު، މާލޭ ސަރަހައްދަށް ބަރޯސާވުން ކުޑަކޮށް، މާލޭ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން އެ ވައުދާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ހާއްސަކޮށް ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު