(30 ނޮވެމްބަރުގެ އަދަދާ ގުޅޭ)
"ނޫން! ނޫން! އަޅުގަނޑު ތިޔަބޭފުޅުންނަކަށް އެއްވެސްކަހަލަ ގޯނާއެއް ނުކުރަން. ބައްލަވާ! ތިޔަ ޚަންޖަރު ވަރަށް ތޫނު. ތިޔަކަހަލަ ސަމާސާއެއް ރަނގަޅެއް ނޫން. ސާހިބާ! އެހެން ނަހައްދަވަން ميـمــونـة އަށް ވިދާޅުވެދެއްވާ!" އޭނާ ميـمــونـة ގެ މަންމައަށް އާދޭސްކުރިއެވެ.
"ނިކަން އަޑުއަހައިބަލަ! އަހަރެން ކަލޭ ގާތު މިބުނަނީ ހަޅޭއްނުލަވާށޭ! ކަލޭގެ އަމިއްލަ ނަފުސަށް ހެޔޮއެދެންޏާ ހަޅޭއްނުލަވައި މިހިރަ ކޮޓަރިޔަށް ވަދޭ! އެހެންނޫނީ.....!" ميـمــونـة ކުޑަކޮށް ޚަންޖަރު އަނބުރައިލެއްވުމާއެކު ޚާދިމާ ބިރުން ތުރުތުރު އަޅަމުން ކޮޓަރިއަށް ވަދެއްޖެއެވެ. ميـمــونـة ކުރިޔަށް ޖެހިވަޑައިގެން ދޮރުލައްޕަވައިފައި ތަންޑު އަޅުއްވައިފިއެވެ. ميـمــونـة ވިދާޅުވިއެވެ. "އެތެރެފުށް ނުބައި މުނާފިޤުން އަބަދުވެސް ފިނޑިވާނެ. ހަނދާންކުރާތި! ކަލޭ ހަޅޭއްލަވާނަމަ އަހަރެން ބޭރަށް ނުކުންނާނީ މިގޭގައި ރޯކޮށްލައިފައި."
سعد ގޯތިތެރޭ ހުންނަވައި މީހަކާ ވާހަކަ ދައްކަވާ އަޑުފުޅު އިވިވަޑައިގަތުމާއެކު ميـمــونـة ގެ ދެމައިކަނބަލުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. سعد ހުންނެވީ މޫނުފުޅުމަތީގައި ނިޤާބެއް އަޅުއްވައިގެންނެވެ. އޭނާގެ ފަހަތްޕުޅުންވެސް މޫނު ނިވާކޮށްގެންހުރި ހަށިގަނޑު ވަރުގަދަ މީހެއް، މީހަކު ކޮނޑުމައްޗަށް ލައިގެންހުރެ އާދެއެވެ. سعد ތަންކޮޅެއް ކައިރިޔަށް ވަޑައިގެންފައި ميـمــونـة އާ ސުވާލު ކުރެއްވިއެވެ. "ميـمــونـة! ކަލާގެ ޚާދިމާ ހުރީ ކޮން ކޮޓަރިޔަކުތޯ؟"
ميـمــونـة ޖަވާބު ދެއްވިއެވެ. "އަޅުގަނޑު އޭނާ ކޮޓަރިޔަށްލައި ބަންދުކޮށްފިން."
"ކަލާގެ ނޯކަރުންނަށްވެސް ކޮޓަރިއެއް ބޭނުން."
"އެބައިމީހުންނަށް އަޅުގަނޑުމެންގެ ފެންކޮޓަރި ރަނގަޅުވާނެ."
"ވަރަށް ރަނގަޅު. ކަލާ މަގުދައްކަވާ!"
ميـمــونـة ބައްތި ހިއްޕަވައިގެން އެބޭފުޅުންނަށް މަގުދައްކަވަމުން ވަޑައިގެންނެވިއެވެ. މޫނު ނިވައިކޮށްގެންހުރި ހަށިގަނޑު ވަރުގަދަ މީހާ އޭނާގެ ކޮނޑުމަތީގައި އޮތް ޚާދިމު ފެންކޮޓަރީގައި ބާއްވައިފިއެވެ. އެކަލޭގެ އޮތީ ބައްކުވަލަކުން ބަނދެފައެވެ. އަނގަމަތީގައި ފޮތިގަނޑެއް އައްސައިފައި ހުއްޓެވެ. އޭނާ އޮތްގޮތް ފެނިވަޑައިގެންނެވުމުން ميـمــونـة ގެ އަރިހަށް ބޭއިޚުތިޔާރުގައި ހިނިފުޅު އާދެއެވެ.
سعد ވިދާޅުވިއެވެ. "އެންމެ ރަނގަޅު. އަނެއް ކަލޭގެވެސް ގެނޭ!"
سعد ގެ އެކުވެރިޔާ އިރުކޮޅެއްގެ ތެރޭގައި އަނެއް ޚާދިމުވެސް ގެނެސް ފެންކޮޓަރިއަށް ލައިފިއެވެ. ފެންކޮޓަރީގެ ދޮރު ލެއްޕެވުމަށްފަހު سعد އެނބުރި ވަޑައިގަތީ ޚާދިމާއާ ދިމާއަށެވެ. އޭނާ ހުރި ކޮޓަރީގެ ދޮރު ހުޅުއްވައިލެއްވުމަށްފަހު سعد ވިދާޅުވިއެވެ. "ކަލެޔަކީ އަންހެނަކު ކަމުގައިވާތީ ކަލެއާމެދު ހަރުކަށިވާކަށެއް އަހަރެން ބޭނުމެއް ނޫން. އެކަމަކު ކަލޭ ހަޅޭއްލަވަން އުޅޭނަމަ ކަލޭގެ ކަރު އަނބުރައިލާނަން!"
ميـمــونـة ވިދާޅުވިއެވެ. "ކަލާ ފިކުރުފުޅު ނުކުރައްވާ! އޭނާ ހަޅޭއްލަވާނަމަ އަޅުގަނޑު މިގޭގައި ރޯކޮށްލާނަން."
سعد އެކޮޓަރީގެ ދޮރު ލައްޕައިލެއްވުމަށްފަހު ޚާދިމާ ބިރުގަންނަވައިލެއްވުމަށްޓަކައި ވަރަށް ބާރަށް ވިދާޅުވިއެވެ. "ތިޔަބޭފުޅުން ދެން އަރާމުކުރައްވާ. މިކޮޓަރީގެ ފޯރިޔަށް އެންމެ މީހަކު ހުއްޓަސް އެންމެ ރަނގަޅުވާނެ."
* * * * * * * * * * *
سعد ގެ އަރިހުގައި މޫނު ނިވައިކޮށްގެންހުރި މީހަކީ المـــاس އެވެ. އޭރު ރޭދެބައިވާން އުޅެނީއެވެ. سعد ميـمــونـة އާއި އޭނާގެ މަންމަ ގޮވައިގެން މަޑުމަޑުން ގޯތިތެރެ ހުރަސްކުރައްވައިފައި ދޮރޯށިދޮށަށް ވަޑައިގެންފިއެވެ. سعد ދޮރޯށި ހުޅުއްވައިލައްވައިފައި މަގުގެ ދެކޮޅު ބައްލަވައިލެއްވިއެވެ. ތަންކޮޅެއް ދުރުން ބައެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަތުމާއެކު سعد ވަރަށް ބާރަށް ވަޑައިގެން ދޮރޯށީން އެތެރެއަށް ވެދެވަޑައިގެންފިއެވެ.
المـــاس ދެންނެވިއެވެ. "އަޅުގަނޑުމެން ގޭގެބިއްދޮށުން ފާރުމަތީން އަރައިގެން ބަގީޗާއަށް ވަންނަމަ މާރަނގަޅުވީސް."
"މަޑުކުރައްވާ!" މިހެން ވިދާޅުވެފައި سعد ދެދޮރުފަތުގެ ދޭތެރެއިން ބޭރު ބައްލަވާން ފައްޓަވައިފިއެވެ.
މަގުމަތީން އިވެމުންދާ ފިޔަވަޅުގެ އަޑު ކައިރިވާން ފެށުމުން المـــاس ދެންނެވިއެވެ. "ދޮރު ތަޅުލައްވާ! ހީވަނީ އެއަންނަނީ މަގުމަތި ބަލަހައްޓާ ސިފައިންގެ ބައެއްހެން!"
سعد ކުޑަކޮށް މަޑުކޮށްލައްވައިފައި ދޮރޯށި ތަޅުލައްވައިފިއެވެ. ބުރުޖަހަމުންދިޔަ ސިފައިން ކުރިޔަށްގޮސް އޮބައިލުމުން سعد އަނެއްކާވެސް ދޮރޯށި ހުޅުއްވައިލައްވައިފިއެވެ. ބޭރު ބައްލަވައިލެއްވުމަށްފަހު ވިދާޅުވިއެވެ. "ހިންގަވާ. އަވަހަށް ދަމާ!"
ތަންކޮޅަކަށް ވަޑައިގަތުމަށްފަހު އެބޭފުޅުން ވަރަށް ބޯކޮށް ގަސްހެދިފައި އޮތް ބަގީޗާއެއްގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. سعد ފަހަތަށް އެނބުރިވަޑައިގެން އޭނާގެ އެކުވެރީންނާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު ވިދާޅުވިއެވެ. ދެން المـــاس ބޭބެ މަގުދައްކަމުން ގެންދޭ!" المـــاس އެބޭފުޅުންގެ ކުރިޔަށް އަރައިފިއެވެ.
މަދީނަތުއްޒަހުރާގެ ޝާހީ ގަނޑުވަރުތަކާއި ސަރުކާރުގެ އިމާރާތްތަކުގެ ފާރުން ބޭރުގައި އޮންނަނީ ބަގީޗާތަކުގެ ސިލްސިލާއެކެވެ. އެބަގީޗާތައް އޮންނަނީ ހުޅަނގުފަރާތަށް ދެމިފައެވެ. އެއްބަގީޗާއެއް އަނެއް ބަގީޗާއަކާ ވަކިކޮށްދެނީ އެކިހިސާބު ހިސާބުގައި ހެދިފައި ހުންނަ ފުން ވަޅުވަޅުގަނޑެވެ. ވިއްސާރަ މޫސުމުގައި އެތަންތާނގައި ފެންބޮޑުވާއިރު ހީވަނީ ފަރުބަދަމަތީގެ ކުދިކުދި ފެންފެންގަނޑުހެންނެވެ. ވާރޭނުވެހި އެތައް މަހެއް ފާއިތުވުމުގެ ސަބަބުން އެތަންތަން ހުރީ ގާތްގަނޑަކަށް ހިކިފައެވެ. ބަގީޗާތަކަށް ފެންދޭ ބައެއް އާރުތަކުގައި ކަކޫތާފެނަށް ފެން ހުއްޓެވެ.
المـــاس އެބޭފުޅުން ގޮވައިގެން ވަރަށްދިގު ބުރެއް ޖަހައިފައި ތިރިޔަށް ތިންމޭލެއްހައި ހިސާބަށް ހިނގުމަށްފަހު ވާދިލްކަބީރުގެ އައްސޭރިޔަށް ނުކުމެއްޖެއެވެ.
المـــاس ދެންނެވިއެވެ. "ތިޔަބޭފުޅުން މިތާ މަޑުކުރައްވާ! އަޅުގަނޑު ވަރަށް އަވަހަށް އެބައަންނަން." المـــاس މިހެން ބުނެފައި ކުޑަކުޑަ ގަޓަރިޔެއް ބިންމަތީގައި ބަހައްޓައިފިއެވެ. އޭނާ އަނދިރީގެ ތެރެޔަށްގޮސް ގެއްލިއްޖެއެވެ. އޭރު ميـمــونـة ގެ މަންމަ ހުންނެވީ ވަރަށް ވަރުބަލިފުޅުވެފައެވެ. އެހެންކަމުން އޭނާ ބިންމަތީގައި އިށީނދެވަޑައިގެންފިއެވެ.
سعد ވިދާޅުވިއެވެ. "ދައިތައަށް ވަރަށް އުނދަގޫފުޅު ޖެއްސިއްޖެ. ކުރީން އަޅުގަނޑު ވިސްނިން ތިޔަބޭފުޅުންނަށް އަސް ހޯދަންވެސް. އެކަމަކު އެއީ ވަރަށް ނުރައްކާތެރި ކަމެއް."
"ދަރިފުޅާ! إدريـس ފެންނައިރަށް ދައިތަގެ ވަރުބަލިކަން ފިލައިފާނެ. އޭނާ ހުރީ މިތަނާ އަދިވެސް ވަރަށް ދުރުގައިތޯ؟"
"ކޯރު ހުރަސްކުރުމަށްފަހު އަޅުގަނޑުމެން ހިނގަންޖެހޭނީ އެންމެ ދުރުވިޔަސް ބައިމޭލެއްހައި ހިސާބަށް. ބައްތެލި ގެނެސްދޭން އެއްބަސްވި މަސްވެރިޔާ އައިސް ހުރިއްޔާ ކަލާނގެ ކިބަފުޅަށް ޝުކުރު ހުރި!"
"އޭނާ ނާތުވެއްޖެނަމަ ހަދާނީ ކިހިނެއްތޯ؟"
"ކައިރި އަވަށަކުން މަސްވެރީންގެ އެހެންމީހަކު ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނީ. ބައްތެއްޔެއް ނުލިބިއްޖެނަމަ އަޅުގަނޑު ފަތާފައި ކޯރު ހުރަސްކޮށްފައިގޮސް إدريـس މިތަނަށް ގެންނާނީ. إدريـس ގެ ހަވާލުގައި އަހެއް ބާއްވައިފައި އަޅުގަނޑުމެން އަސްތައްވެސް މިފަރާތަށް ގެންނާނަން. މިހިސާބާ ދެމޭލެއްހައި ދުރުގައި ފާލަމެއް އޮންނާނެ. އެފާލަން ހުރަސްކުރެއްވުމުން ދައިތާފުޅުމެންނަށް އިޝްބީލިއްޔާއަށް ދާމަގަށް ނުކުމެވަޑައިގެންނެވޭނެ. އެކަމަކު މަސްވެރިޔާ އަންނާނެކަން އަޅުގަނޑަށް ޔަގީން. المـــاس މަސައްކަތް ހަވާލުކުރީ ވަރަށް ހުޝިޔާރު މީހަކާ."
* * * * * * * * * * *
ميـمــونـة ހުންނެވީ ކޯރުގެ އައްސޭރީން ގާކޮޅުކޮޅު ހޮއްވަވައިފައި ކޯރަށް އުއްކަވާށެވެ. ميـمــونـة ގެ މަންމަ ކުއްލިޔަކަށް سعد ގެ އާއިލާގެ މަތީން ހަނދުމަފުޅު ވެއްޖެއެވެ. އޭނާ سعد އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ދަރިފުޅާ! ދައިތަޔަށް ވަރަށްބޮޑަށް މަޢާފުކުރައްވާތި! ފިކުރު ބޮޑުވެފައި ހުރެވުނުވަރުން ދަރިފުޅުގެ މަންމަގެ ހާލުކޮޅު އޮޅުންފިލުވާކަށްވެސް ހަނދާނެއްނުވި. އޭނާ ގަދަވެވަޑައިގެން އިންނެވިތޯ؟"
"އާދެ. މަންމަ އިންނެވީ ހެޔޮހާލުކޮޅުގައި. ޤުރުޠުބާއަށް އައިސްފައި ދައިތަގެ ހާލުކޮޅު އޮޅުންފިލުވަން މަންމަ ވަރަށް ބާރުއަޅުއްވައި ވިދާޅުވި."
"ދަރިފުޅުގެ ބައްޕަ! އޭނާގެ އެއްވެސް ޚަބަރެއް ލިބިވަޑައިގެންފިތޯ؟"
"ބައްޕަ އަދިވެސްވީ ޖަލުގައި!"
ميـمــونـة އެވާހަކަފުޅުތައް އަޑުއައްސަވައިފައި އެބޭފުޅުންގެ އަރިހަށް ވަޑައިގެންފިއެވެ. އޭނާ
ވަރަށް ލަދުފުޅުން ހުންނަވައި ސުވާލު ކުރެއްވިއެވެ. "ކަލާވެސް އަޅުގަނޑުމެންނާއެކު އިޝްބީލިއްޔާއަށް ވަޑައިގަންނަވާނުތޯ؟"
"ނޫން! إدريـس ގެ އަރިހުގައި ތިޔަބޭފުޅުން ފުރުވައިލުމަށްފަހު އަޅުގަނޑު އެނބުރި އަންނާނީ އަނެއްކާވެސް ޤުރުޠުބާއަށް. އަޅުގަނޑު މިރަށަށް އައީ ބައްޕާފުޅުގެ ޚަބަރެއް އޮޅުންފިލާތޯ ބަލަން!"
ميـمــونـة ގެ މަންމަ ވިދާޅުވިއެވެ. "ބައްޕަގެ ޚަބަރެއް ލިބިވަޑައިގެންފިނަމަ ކޮންމެހެންވެސް އަޅުގަނޑުމެންނަށް އަންގަވާތި! މާތް اللّـه އެހެން އިރާދަ ނުކުރައްވާށި! އޭނާ ސަލާމަތްވެވަޑައި ނުގެންނެވިޔަސް ދަރިފުޅު ޤުރުޠުބާގައި މަޑުނުކުރައްވާތި! އިބްނު ޢަކާޝާ ކޮންމެ ހެޔޮލަފާ މީހަކާމެދު ބަލާނީ އޭނާގެ ދުޝްމިނެއްކަމަށް."
سعد ޖަވާބު ދެއްވިއެވެ. "މިހާރު އަންދަލުސުގެ ބިންމަތީގައިވާ ކޮންމެ އިންޗިއަކީވެސް މާތް اللّـه ގެ އިސްމުފުޅު ބޭނުންކޮށްއުޅޭ މީހުންނަށްޓަކައި ނުރައްކައުތެރި ތަނެއް!"
"އަޅުގަނޑުމެންގެ ނިމުން އަންނާނެގޮތެއް ދެނެވޮޑިގެންވަނީ މާތް اللّـه!"
ތަންކޮޅެއް ދުރުން المـــاس ގެ އަޑު އިވުނެވެ. "سعد! ވަޑައިގަންނަވާ!"
سعد އާއި، ميـمــونـة ގެ ދެމައިކަނބަލުން ކޯރާ ދިމާއަށް ހިންގަވައިގެންފިއެވެ. المـــاس ގެ ގާތަށް ވަޑައިގެން سعد ސުވާލު ކުރެއްވިއެވެ. "މަސްވެރިޔާ އެބަހުރިތަ؟"
"އޭނާ ބައްތެލި ލަފައިގެން އޮތީ ނިދިފައި. މިހާރު މިދިމާޔަށް އެބައާދޭ."
އިރުކޮޅެއްގެތެރޭގައި ބައްތެލި އަތުވެއްޖެއެވެ. ހުރިހައި ބޭފުޅުން ބައްތެއްޔަށް އަރައިވަޑައިގެންފިއެވެ. މަސްވެރިޔާ ދެންނެވިއެވެ. "މިގަޑީގައި ދަތުރުކުރާތަން ސިފައިންނަށް ފެނިއްޖެނަމަ ބައްތެލި ސަރުކާރަށް ހިފާނެ. އޭގެއިތުރަށް އަޅުގަނޑު ޖަލަށްލާނެ. ރޭގަނޑު އެއްވެސް މީހަކު ކޯރު ހުރަސްކޮށް އަނެއްފަރާތަށް ގެންދާކަށް އަޅުގަނޑުމެންނަކަށް ހުއްދައެއް ނޯވޭ. ތިޔަބޭފުޅުން އައްސޭރިއަށް ވަޑައިގެންފައި އެއްވެސް މީހެއްގެ ގާތުގައި މިވާހަކަ ވިދާޅުވެގެން ނުވާނެ!"
ބައްތެލި އަނެއްފަރާތުގެ އައްސޭރިޔަށްގޮސް ލެފުމަށްފަހު المـــاس އޭނާގެ ޖީބުން ކޮތަޅެއް ނަގައިފައި މަސްވެރިޔާއަށް ދީފިއެވެ. އޭނާ މަސްވެރިޔާ ގާތު ބުންޏެވެ. "މީގައި ދިހަ ދީނާރު އޮންނާނެ. ކަލޭގެ ގާތުގައި އަހަރެން ބުނެފައި އޮންނާނީ އަށް ދީނާރު ދޭނެކަމަށް. އަނެއް ދެ ދީނާރަކީ ކަލެޔަށް ދިން އިނާމެއް."
އެރޭގެ ފަތިހު ميـمــونـة ގެ ދެމައިކަނބަލުން ތިއްބެވީ ކޯރުގެ އައްސޭރިޔާ މާދުރުނޫން ހިސާބެއްގައި އޮތް އަވަށެއްގައެވެ. ކުޑަކުޑަ ގެއެއްގެ ގޯތިތެރޭގައި إدريـس ގެ ކުރިފުޅުމަތީގައެވެ. އެދެބޭފުޅުންގެ މޫނުފުޅުމަތީގައިވަނީ އުފާވެރިކަމުގެ ހިނިފުޅުވެޑުވުމެވެ. ލޯފުޅުގައިވަނީ ޝުކުރުވެރިކަމުގެ ކަރުނަފޮދެވެ. إدريـس ގެ އަހާއި سعد ގެ އަހާއި ދެއަސް ތައްޔާރުކުރެއްވުމަށްފަހު سعد ވިދާޅުވިއެވެ. "إدريـس! މިއީ ވާހަކަފުޅު ދައްކަވަން ތިއްބަވަންވީ ވަގުތެއް ނޫން. ތިޔަބޭފުޅުން އަވަހަށް ދަތުރު ފައްޓަވާ!"
إدريـس ބޭރަށް ނުކުމެވަޑައިގެން އަހަށް ސަވާރުވެވަޑައިގެންފިއެވެ. ميـمــونـة ވެސް އަރައިވަޑައިގަތީ إدريـس އަރައިވަޑައިގެންނެވި އަހަށެވެ. ދެން އޮތް އަހަށް إدريـس ގެ މަންމަ ސަވާރުވެވަޑައިގެންފިއެވެ. سعد އޭނާގެ ޖީބުފުޅުން ކޮތަޅެއް ނަންގަވައިފައި إدريـس ގެ އަތްޕުޅަށް ދެއްވަމުން ވިދާޅުވިއެވެ. "މިގެންދަވާ! ދަތުރުފުޅުމަތީގައި ބޭނުންވާނެ!"
ލޯތްބާއި، އިޙުސާންތެރިކަން ގަބޫލުކުރެއްވުމުގެ ނުއޮބެހެއްޓޭފަދަ ޖަޒުބާތުތަކަކާއެކު إدريـس ވިދާޅުވިއެވެ. "سعد! ދަތުރުގެ ބޭނުންތަކަށް ފުދޭވަރަށްވުރެ މާގިނައިންވެސް އަޅުގަނޑުގެ އަތުގައި ފައިސާ އެބަހުރި. އަޅުގަނޑު ބޭނުންނަމަ އަމިއްލައަށްވެސް ދެންނެވީމުސް."
سعد ވިދާޅުވިއެވެ. "އަޅުގަނޑު އެދެނީ އިޝްބީލިއްޔާއަށްދާ މަގާ ހަމައަށް ވަޑައިގެންފައި ކަލާ އިތުރު އަހެއް ބައްލަވައިގަތުން. އެހެންނޫނީ ميـمــونـة އަށްވެސް އުނދަގޫފުޅުވާނެ."
"އަޅުގަނޑު އަސް ގަންނާކަށެއް ނުޖެހޭނެ. معـتـمـد ގެ ވަޒީރު ވަނީ ޤުރުޠުބާގެ ސަރަޙައްދީ ޗެކްޕޯސްޓުގެ އޮފިސަރުގެ ނަމުގައި އަޅުގަނޑަށް ސިޓީއެއް ދެއްވައިފައި. އެސިޓީގެ ބާރުގައި އަޅުގަނޑަށް ހުރިހާ ކަމެއް ހަމަޖެހޭނެ."
إدريـس ގެ މަންމަ ވިދާޅުވިއެވެ. "ދަރިފުޅާ سعد! ދައިތަވެސް ގެއިން އައީ ހުސްއަތަކާ ނޫން. ހުރިހާ ފައިސާއަކާއި ޖަވާހިރުތަކެއް ހިފައިގެން."
سعد ވިދާޅުވިއެވެ. "އެންމެ ރަނގަޅު! އަޅުގަނޑު މަޖުބޫރެއް ނުކުރަން. އެކަމަކު إدريـس ހަނދުމަފުޅު ކުރައްވާތި! ކަލާ އިޝްބީލިއްޔާއަށް ވަޑައިގެންފައި ކޮންމެހެންވެސް އަޅުގަނޑުމެންގެ ގެއަށް ޚަބަރު ފޮނުއްވާތި! އިރާދަކުރެއްވިއްޔާ ދުވަސްކޮޅެއްގެ ފަހުން އަޅުގަނޑުވެސް ޣަރުނާޠާއަށް ދާނަން."
"ކަލާ ދުވަހަކުވެސް އިޝްބީލިއްޔާއަކަށް ވަޑައެއް ނުގަންނަވާނުތޯއެވެ؟"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު