ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ 95 ޕަސެންޓް އަދި ދުވާރު ހެދުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ހޮޅިވަޅުލުމުގެ މަސައްކަތުގެ 48 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން އެމްޓީސީސީން ބުނީ ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެނެސް އެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމްކުރުމާއި މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމްކުރުމާއި ފެންހިންދާ ނިޒާމެއް ގާއިމްކުރުމާއި 19,679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

ނޭޝަނަލް ހައުސިން، ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 46.7 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ 15 ޖޫން 2019 ގައެވެ.