ޗިޅިޔާ މޫސާ މަނިކުގެ މުދާ ހަޖުރުކޮށް، އޭނާގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބަލަަހައްޓަން ހަވާލުކުރި، އޭނާގެ ދަރިފުޅު މ.ޗިޅިޔާ ހައްވާ ނާސިހާ އިހުމާލު ވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
މޫސާމަނިކު އޭނާގެ މުދަލުގެ މައްޗަށް ތަސައްރަފު ކުރުމަށް ނުކުޅެދޭތީ، އޭނާގެ ގޯތި ގެދޮރު ކުއްޔަށްދީގެން ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް އޭނާގެ ދަރިންގެ ތެރެއިން ހައްވާ ނާސިހާއާ ޕަވާއޮފް އެޓާނީއެއް މެދުވެރިކޮށް 16 ޑިސެމްބަރު 2014 ގައި ވަނީ ހަވާލު ކޮށްފައެވެ. ސިވިލްކޯޓްގައި އެ ޕަވާއޮފް އެޓާނީ ވަނީ ރަޖިސްޓްރީ ވެސް ކޮށްފައެވެ.
ނަމަވެސް މި ޕަވާ އޮފް އެޓާނީގައިވާ އެއްވެސް ކަމަކަށް އޭނާ ހިޔާނާތްތެރި ވެއްޖެނަމަ މޫސާމަނިކުގެ ބާކީ ތިބި 10 ދަރިންނަށް ހައްވާ ނާސިހާ ގޮވައިގެން ޝަރުއީ ކޯޓަކަށް ދިއުމުގެ ބާރު މި ޕަވާއޮފް އެޓާނީ މެދުވެރުކޮށް ދީފައި ވެއެވެ.
މޫސާމަނިކުގެ މއ. ޗިޅިޔާވިލާ ކިޔާ 1400 އަކަފޫޓޫގެ ގޯތީގެ ބިމާއި، އެ ބިމުގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަން، ދ. މީދޫ ހަނދުވަރީވިލާ އަހުމަދު މުޖާހަށް 15 އަހަރުގެ މުއްދަތަށް 2008 ވަނަ އަހަރުން ފެށިގެން މޫސާ މަނިކުވަނީ ކުއްޔަށް ދީފައެވެ.
މޫސާ މަނިކުގެ މުދަލުގެ މައްޗަށް ތަސައްރަފު ކުރުމަށް އޭނާ ނުކުޅެދޭތީ، އޭނާގެ މުދާ ހަޖުރުކޮށް، އޭނާގެ މުދަލާއި، ފައިސާ އަމާނާތްތެރިކަމާއެކު ބަލަަހައްޓާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޫސާ މަނިކުގެ ދަރީންގެ ތެރެއިން 6 ކުއްޖަކު ސިވިލްކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، މޫސާމަނިކަކީ، ބުއްދި ހަމަނުޖެހޭ ދެއުޅިއެއްނުވާ މީހެއްކަން މޫސާ މަނިކުގެ ދަރިންގެ ބަހުންނާއި ޑޮކްޓަރުންގެ މެޑިކަން ރިޕޯޓުން އެނގި ސާބިތުވާތީ މޫސާމަނިކުގެ މުދާ ހަޖުރުކޮށް މޫސާ މަނިކުގެ ދަރިންގެ ތެރެއިން މއ.ޗިޅިޔާޖެހިގެ މުހައްމަދު ނާޝިދާއި މ. ޗިޅިޔާ ހައްވާ ނާސިހާ، މޫސާ މަނިކުގެ އެންމެހައި މުދަލާއި ފައިސާއެއް ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުން ހަވާލުކޮށް، މޫސާ މަނިކުގެ މުދަލާއި ފައިސާއިން މޫސާ މަނިކާއި އޭނާގެ އަނބިމީހާއަށް ބޭނުންވާ އެންމެހައި ހަރަދާއި އެ މުދާ ބެލެހެއްޓުމަށް ކުރަން ޖެހޭ ހަރަދެއް އަމާނާތްތެރިކަމާއެކު ކުރުމަށް މޫސާމަނިކުގެ މުދަލާއި ހަވާލުވާ ނާޝިދާއި ނާސިހާއަށް ކޯޓުން ވަނީ އަންގައިފައެވެ.
މި އެންގުމާ ގުޅިގެން ކުރީގައި ނާސިހާއަށް ހަވާލު ކޮށްފައިވާ ޕަވާއޮފް އެޓާނީގެ ބާރު ކެނޑިފައިވާ ކަމަށާއި އަމަލު ކުރަމުންގެންދަން ޖެހޭނީ ސިވިލްކޯޓުން ކުރި ހުކުމަށް ކަމަށްވެސް ކޯޓުން ބުނެފައި ވެއެވެ.
އޭގެ ފަހުން މޫސާމަނިކުގެ މުދަލާއި ފައިސާއާ މެދު ހައްވާ ނާސިހާ އިހުމާލުވެފައިވާ ކަމަށްބުނެ، ނާސިހާގެ ކިބައިން މޫސާ މަނިކުގެ މުދާ ބެލެހެއްޓުން ވަކިކޮށް، މޫސާ މަނިކުގެ ދަރިންކުރެ މި މައްސަލައިގެ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން މއ.ޗިޅިޔާވިލާ ޒައިނަބު ނާޒިމާ ހަމަޖައްސައި ދިނުމަށް އެދި މުހައްމަދު ނާޝިދުގެ ފަރާތުން ސިވިލްކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.
އެ މައްސަަލައާ ގުޅިގެން ހައިކޯޓުން ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ހައްވާ ނާސިހާ އަމަލު ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ޗިޅިޔާވިލާގެ ކުއްޔަށް އޭނާ އިހުމާލު ވެފައިވާކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
އެހެންކަމުން އެ މައްސަލައިގައި ކޯޓުން ހުކުމް ކުުރުމާ ހަމައަށް ހިނގާފައިވާ ނުވަ މަސްދުވަހުގެ ކުއްޔަށްވާ 315،000 ރުފިޔާ އަށް ހައްވާ ނާސިހާ ޒިންމާވާން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި އެ ފައިސާ ތިންމަސް ދުވަހުގެ ރެރޭގައި މޫސާމަނިކުގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށްވެސް ހައިކޯޓުން އަންގާފައި ވެއެވެ.
ސުޕްރީމްކޯޓުގައި މި މައްސަލަ އސިްތިއުނާފު ކުރުމުން އެ ކޯޓުންވެސް ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްފައެވެ.
ސުޕްރީމް ކޯޓް