ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 48 ޕަސެންޓް މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %83 މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ %8 މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 644,000 އަކަމީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކޮށް، 15 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއަކީ ގުރައިދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެއް ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 85.9 މިލިއަން ރުފިޔާގެ އަގަކަށެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 27 ގައެވެ.